މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެއީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަކީ، މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރު ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީ އެވެ.

Ad
rt

ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ.

އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. މިދެބޭފުޅުން ބޯޑަށް އައްޔަން ކުރައްވާފައިވަނީ 10 ފެބްރުވަރީ 2022 އިން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ މުއްދަތަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި އައްޔަންކުރަނީ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނެވެ.

ބޯޑު މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީގައި ހިމެނެނީ ސިވިލް ސާރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ފައިނޭންސް އަދި އެއިރެއްގައި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ މިނިސްޓްރީން ކަނޑައަޅުއްވާ ބޭފުޅުންނެވެ. މިކޮމިޓީ އިން ޝޯޓްލިސްޓް ކުރައްވާ ބޭފުޅުންގެ ކިބައިގައި ގާނޫނުގައި ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށް އެބޭފުޅުންގެ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފޮނުވައި، އެކަން ކަށަވަރު ކުރެއެވެ.

ޕެންޝަން އޮފީހުގެ ބޯޑަކީ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޗެއަރޕާސަންގެ އިތުރުން ޕަބްލިކް ސެކްޓަރ ތަމްސީލް ކުރާ 3 މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީސް ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތަކުތެރޭގައި ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުމާއި، ރިޓަޔަރމަންޓް ޕެންޝަން ޕޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުމާއި، ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައެޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުމާއި އަދި ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.