ދިވެހި ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރެވުނުތާ 54 އަހަރު ފުރިއްޖެއެވެ. ޤައުމީ ދިދަ މިހާރު ހުންނަގޮތަށް ބަދަލުވިތާ 54 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތަށް ދިދަ ބަދަލުވެފައިވަނީ އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވި އަހަރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައިވެސް ރާއްޖެ ބައިވެރިވި، 1965 ވަނަ އަހަރުއެވެ.
1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ރާއްޖޭގެ ދިދަ އޮންނަން ނިންމިގޮތަށް އަދިވެސް އަމަލު ކުރަމުން އަންނައިރު، މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގައިވެސް، އޭރުގެ ވަޒީރުންގެ މަޖިލީހުގެ އެއްވެސް ނިންމުމަކަށް ބަދަލު ގެނެސްފައިނުވެއެވެ.
ރާއްޖޭގެ ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގައި 3/2 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 4/1 އެވެ. ހަނދުފަޅީގެ އެތެރެއާއި ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 3/1 އެވެ.
1965 ވަނަ އަހަރު، ވަޒީރުލް އައުޒަމުން ނެރުނު އިއުލާނުގައި، ދިދައިގެ އެކި ކުލަތަނުން ރަމްޒުކޮށްދޭ ކަންކަންވެސް ބަޔާންކޮށްފައިވެއެވެ. ރަތްކުލައިން ރަމްޒުކޮށްދެނީ މިނިވަންކަމާއި، އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި އެބައެއްގެ ފުރާނަތައް ޤުރުބާން ކުރި ޤައުމުގެ އަބްތާލުންގެ ލެޔެވެ. ފެހިކުލަ ދައްކައިދެނީ ދިރުމާއި، ކުރިއެރުމާއި އަދި ތަނަވަސްކަމެވެ. ހުދު ހަނދުފަޅި ރަމްޒުކޮށްދެނީ ރާއްޖޭގެ އިސްލާމީ އަޤީދާއެވެ.
ރާއްޖޭގެ ތާރީޚުގައިވަނީ ވަރަށް ގިނަ ދިދަތަކެއް ބޭނުންކޮށްފައެވެ. އެހެންނަމަވެސް، ދިދައިގެ އަސްލު ފަރުމާއަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވެއެވެ. ބަދަލުތައް މައިގަނޑު ގޮތެއްގައި އައިސްފައިވަނީ ހަނދުފަޅި ހުޅުވިފައި އިންނަ ފަޅިއަށާއި، ރަތް ބޯޑަރާއި ދިދަ ދަނޑިއާ ދެމެދުގެ ބޯޑަރަށެވެ.
ރާއްޖެ، އދ.ގައި ބައިވެރިވިތާ 54 އަހަރުވީވެސް މި މަހުއެވެ. އެއީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!