މިއަހަރުގެ ފިޠުރު ޢީދު ދިވެހިންނާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ، ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ، ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް، ދިވެހިންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށެވެ.
"ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއް. ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވައި، އެކުވެރިކަމާއެކު ސަލާންގަލާންކޮށް، ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަހެއް. އެހެންކަމުން، މި އުފާވެރި ޢީދު ދުވަހު، ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުވައި، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ،
އެ ޚިޠާބުގައި ރައީސް ވިދާޅުވީ، މިއަހަރުގެ ފިޠުރު ޢީދު ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި ކަމަށެވެ. އަދި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައީސް މުޙައްމަދު ނަޝީދަށް ދިން، އެ ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫން. އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ. މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެ. ޢަދުލު އިންޞާފު އަރައި ހަމަކުރާނެ. އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ." ރައީސް ވިދާޅުވިއެވެ.
އެ ޙަމަލާއަކީ ހަމައެކަނި، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި، މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިންޞާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކަށްވެސް ވަރަށް ބޮޑަށް އެބަ އަސަރު ކުރަމުންދާކަން ފާހަގަކުރަށްވައި، އެފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެން ދާކަމަށް ރައީސް ވިދާޅުވިއެވެ.
ޢީދު ފާހަގަކުރުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަން ކަމަށް ވެސް އެ ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!