ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންއިން ނެގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެނެށް ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެ ރަށް ވަނީ މޮނީޓަރިންނަށް ލާފައެވެ.
މި ކޭސްއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓް ގޮތުގައި އެ އަންހެން މީހާގެ ދެ ދަރިން ވެސް ކޯވިޑަށް ޓެސްޓް ކުރުމުން އެ ދެކުދިންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެއިތުރުން މި ތިން މީހުންގެ ޑައިރެކްޓް ކޮންޓެކްޓާރސްގެ ގޮތުގައި ނެގުނު 15 ސާމްޕަލުގެ ތެރެއިން އިތުރު ތިން ސާމްޕަލް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ. ވުމާއެއެކު މި ކުލަސްޓާއިން މިހާރު ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.
މިކަން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ކަށަވަރު ކޮށްދީފައެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިރޭ ވިދާޅުވެފައިވަނީ ކޯވިޑަށް އިތުރު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންނަކީ އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން ޓެސްޓް ކުރެވުނު ފަރާތްތައް ކަމަށެވެ. ވުމާއެކު މި ކުލަސްޓާއިން ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ މިހާރު 6 އަށް އަރާފައިވާކަމަށެވެ.
އެ ހޮސްޕިޓަލުން އިތުރަށް ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ރައްކާތެރިވެ ތިބުމުގެ ގޮތުން ގައިދުރުކަން ބެހެއްޓުމަށާއި މާސްކުއެޅުމުގެ އިތުރުން ގިނައިން އަތްދޮވުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުލަސްޓާގައި ހިމެނޭ 34 އަހަރުގެ އަންހެން މީހާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު ސްކޫލަށް ވެސް ގޮސްފައެވެ. ވުމާއިއެކު އެ ކުއްޖާގެ ކުލާހުގެ އިތުރު ކުދިންނާއި މުދައްރިސުންގެ ސާމްޕަލް މިރޭގެ ވަގުތެއްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!