ދަރިންނަކީ މައިން ބަފައިންގެ ދެލޮލުގެ ނޫރެވެ. އެކުދިން ފުރިހަމަ ސިއްޙަތެއްގައި ބަލާބޮޑުކޮށް މޮޅު ކުދިންނަށް ހެދުމަކީ މައިން ބަފައިން ހޭބޯ ނާރާ ކުރާ މަސައްކަތެވެ. ނުރައްކާތަކާއި، ނުކަޝިޔާރު ކަންކަމުން ސަލާމަތްކޮށް ދަރިން ރައްކާތެރިކަން މަތީ ބަލާ ބޮޑުކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެވެސް އަޒުމެވެ.

ދަބަސް ކޮނޑުގައި އަޅުވާލައިގެން ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު ދަރިފުޅުގެ ސިއްޙަތަށް ގެއްލުންވާ ޢަމަލުތައް މާލޭގެ މަގުތަކުން ކުރިމަތިވުމީ މައިން ބަފައިންގެ އިންތިހާ ކަންބޮޑުވުމެކެވެ. ޕޭމަންޓް މަތީ ހުއްޓިތިބެ ސިނގިރޭޓް ބޯ މީހުންނާއި، ސައިކަލްތައްމަތީ ކޯޅިކޯޅިއަށްތިބެ ސިނގިރޭޓްބޯ ގްރޫޕްތަކުން ދުންފޮނުވާލަނީ ސްކޫލަށްދާ ކުދިންގެ މޫނަށެވެ. ދޭސީންނާއި ބިދޭސީންވެސް މަގުތަކުގައި އެހެން މީހުންނަށާއި، ކުޑަކުދިންނަށް ބެލުމެއްނެތި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދިއުމަކީ އާންމުކަމެކެވެ. އެމީހުން ކުރާ ސިއްޚަތަށް ގެއްލުން ދެވެނިވި ނޭދެވޭ އަމަލުގައި ކުށެއްނެތް އެތައް ބަޔަކަށް ސިއްޚީ ގޯނާ ކުރުމަތި ކުރުވައެވެ.

Ad
rt

ބެލެނިވެރިއަކު ކިޔައިދިނެވެ. އޭނާ ދަރިފުޅު ގޮވައިގެން ދިރިއުޅޭ އެޕާރޓްމަންޓުން ސްކޫލާއި ހަމައަށް ފޯރަނީ ގާތްގަނޑަކަށް ފަސްމިނިޓުންނެވެ. ނަމަވެސް ދުވާލަކު އެވަރެޖުކޮށް ސިނގިރޭޓްބޯން މަގުމަތީ ތިބޭ ދޭސީ، ބިދޭސީ 5 މީހުންނާ ދިމާވެއެވެ. ކޮންމެ މިނިޓް އަކަށް މީހަކާ ދިމާވެއެވެ.

ސްކޫލަށް ދަރިފުޅު ގެންދަން މިދެންނެވި ބެލެނިވެރިޔާއެކޭ އެއްފަދައިން ފައިމަގުގައި ހިނގާ ބެލެނިވެރިންނެއް މަދެއްނޫނެވެ. އެހެންކަމުން ވިސްނުމެއްނެތި ދުންފަތުގެ އިސްތިއުމާލުކުރަން މަގުމަތީ ތިބޭ މީހުންގެ ޢަމަލުން ގެއްލުން ދެވެމުން އެދަނީ ކުށެއްނެތް އެތައް ޅަދަރިޔަކަށެވެ. ކުށެއްނެތް އެތައް އާންމު ރައްޔިތުންނަށެވެ.

ދުންފަތަކީ ސިއްޚީގޮތުން ގެއްލުން ދެނިވި ބާވަތެއްކަން އެ ބޭނުންކުރާ އެންމެނަށް އެނގެއެވެ. ހަމަ އެޔާއެކު ދުންފަތުގެ ދުމުން އަނެކާއަށްވެސް ނޭދެވޭ އަސަރުކުރާކަން ދުންފަތްބޭނުންކުރާ އެންމެނަށްހެން އެނގެއެވެ. ކަން މިހެން ހުރިއިރު ތިމާ ކުރާ ކަމަކުން ކުށެއްނެތް އެތައްބައެއްގެ ސިއްޙަތަށް ގެއްލުންވާއިރުވެސް ބަލާލުމެއްނެތެވެ.

ޤާނޫނަކަށް ޤަވަޢިދަކަށްވެސް ހުރުމަތްތެރިކޮށް ހިތުމެއް ނެތެވެ. ތިމާ ހަމައެކަނި ވިސްނަނީ ތިމާއަށް ކަމަށްވާނަމަ ދުވަހަކުވެސް މިމުޖުތަމަޢު އިސްލާޙެއް ނުވާނެއެވެ. ތިމާ އަބަދުވެސް އެހެންމީހުންނާމެދުވެސް ވިސްނަން ޖެހެއެވެ. އަނެކާއަށާއި، އަނެކާގެ ލޯބިވާ ދަރިންނަށް ތިދެވޭ ގެއްލުމާމެދު ވިސްނައި ތިޔަ ނާތަހުޒީބު އަމަލު ހުއްޓާލަން ޖެހެއެވެ. ތިމާގެ ދަރިވެސް ތިޔަ ދުމުން ސަލާމަތް ކުރަން ބޭނުންވާ ވަގުތު އަންނާނެއެވެ. އެހެން ކަމަށްވީއިރު އަހަރެމެންނާއި، އަހަރެމެންގެ ލޯބިވާ ދަރިން ތިޔަ ދުމުން ސަލާމަތް ކޮށްދޭށެވެ.