މިދުވަސްވަރު އެންމެ އާންމުކޮށް އިވޭ ވާކައަކީ ރާއްޖޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ޑިޕޯޓުކުރާ ވާހަކައެވެ. ދިވެހިންނަށްވުރެ، ބިދޭސީން މުއްސަނދިވާ ވާހަކައެވެ. މާލޭގައި ބިދޭސީއަކު "18 ގެސްޓު ހައުސް" ހިންގާކަމުގެ ވާހަކައެވެ. ރެމިޓެންސް ޓެކްސް އަށް ވަގަށް، ބިދޭސީންގެ ފައިސާ ގައުމަށް ފޮނުވަދީ، މުއްސަނދިވާ ވާހަކައެވެ.

ހަމަ ގައިމުވެސް، އެ ބިދޭސީންނަށް މުސާރަ ދޭ މީހުން، ބިދޭސީންގެ އެކައުންޓަށް މުސާރަ ޖަމާކުރާނަމަ، ރެމިޓެންސް ޓެކްސްއިން ނުރެކެވޭނެކަން ޔަގީނެވެ.

Ad
rt

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގައި، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަންޖެހޭ ގޮތަށް2016 ވަނަ އަހަރު މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

މި އިސްލާހުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށެވެ.

އަދި މި އިސްލާހުގެ ދަށުން، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ވަނީ ލިބިދީފައެވެ. މަޖިލީހަށް ހުށަހެޅި މި އިސްލާހު ވަނީ 17 އޯގަސްޓް 2016 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައެވެ.

މަޖިލީހުން މި އިސްލާހު ފާސްކުރި ނަމަވެސް، އެޔަށް އަމަލުކުރަން ފަށާފައެއް ނުވެއެވެ. އެގޮތުން މި އިސްލާހަށް އަމަލުކުރަން ފެށުން ވަނީ ތިން ފަހަރެއްގެ ކުރިން ލަސްކޮށްފައެވެ. އެގޮތަށް އެންމެ ފަހުން މި އިސްލާހަށް އަމަލުކުރުން ހަމަހަށް ލަސްކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މިހާރު މިވަނީ އަށް މަސްވެފައެވެ. އެހެންނަމަވެސް މި އިސްލާހަށް އަމަލުކުރާކަށް އަދިވެސް ފަަށާފައެއް ނުވެއެވެ. އަދި އޭގެ ފަހުން، މި އިސްލާހަށް އަމަލުކުރުން ލަސްކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން މިމައްސަލަ މިވަނީ ޤާނޫނީ ހުސްކަމަކަށް ހުށަހެޅިފައެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތެއް ނުވެފައެވެ.