އިންސާފްގެ ދަތުރުގެ އޮޑި ކަނޑު ފެތުނީތޯއާއި، އިންސާފަކީ އިދިކޮޅުގައި ތިއްބަވާއިރު ޖަހަން އޮންނަ މިޔުޒިކެއްތޯއާއި އަދި އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރުވެވުނީމަ ހަނދާންނެތޭ އެއްޗެއްތޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސުވާލުކުރަށްވައިފިއެވެ.
އޭނާ މި މޭރުމުން ސުވާލު އުފައްދަވައި ވާހަކަ ދެއްކެވީ އޭނާގެ މައްޗަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލާގައި، ދިފާޢުގައި ވާހަކަވަން ލިބުނު ފުރުޞަތުގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.
މަލީޙް ވިދާޅުވީ، މަޖިލިސްއަށް ވަޑައިގަތީ ޤާނޫނުއަސާސީގެ މާއްދާ 27ގެ ދިފާއުގައިކަމަށެވެ. އަދި އޭނާގެ މައްޗަށް ހުށަހެޅިފައިވާ އަސާސެއްނެތް ދޮގާ މަކަރާއި ހީލަތުގެ ޒާތީ މައްސަލައެއް ކަމަށެވެ.
އެ މައްސަލާގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރަށްވަމުން އޭނާ ވިދާޅުވީ އެއް ވެސް މުވައްޒަފަކަށް ކޭމްގެ ގަވާއިދު ހެދުން ލަސްކުރަން ހުރަސްއަޅާފައި ނުވާނެ ކަމަށާއި، އެކަން އަވަސް ކުރަން އިރުޝާދުދިން އޯޑިއޯތައް ވެސް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ. އަދި މަޖިލިސް ބޭނުންނަމަ އެ އޯޑިއޯތައް އަޑު އެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ޒީރޯ ޓޮލަރޭންސް ކޮރަޕްޝަން ސިޔާސަތުގެ ދަށުން އަޅުގަނޑުމެންގެ މިނިސްޓްރީގެ ތިން ސިޔާސީ މުވައްޒަފަކަށް ވާނީ ފިޔަަވަޅުއަޅާފައި، އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރެއް ހިމނިވަޑައިގަންނަވާ، އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރެއް ހިމެނި ވަޑައިގަންނަވާ، އޭގެ ތެރޭގައި އެގްޒެކްޓިވް ޑައިރެކްޓަރެއް ހިމެނި ވަޑައިގަންނަވާ، އަޅުގަނޑަކީ ވަޒީފާގެ ބިރަށް ބުނަންޖެހޭ ހައްގުބަސް ނުބުނެ ހުންނާނެ މީހެއް ނޫން، މާޒީގައި ވެސް އެކަންވާނީ ސާބިތުކޮށްދީފައި، މިއަދު ވެސް މިހުރީ ހަމަ އެގޮތުގައި، މާތްﷲގެ ވާގިފުޅާއެކު މާދަމާވެސް އަޅުގަނޑު ހުންނާނީ ހަމަ އެގޮތުގައި، އަޅުގަނޑުގެ ވަޒީފާއަށްވުރެ މި ޤައުމު މާ ބޮޑު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުވާން އޮތީ ވަޒީފާ ގުރުބާންކޮށްގެންވާނަމަ ހޭވައްލާ ތައްޔާރު''- މިނިސްޓަރު މަލީހް ވިދާޅުވިއެވެ.
''ކާކަށްތޯ އަޅުގަނޑުމެން އޮޅުވާލަން މިއުޅެނީ ކީއްވެތޯ ރައްޔިތުންނަށް ތިލަކޮށްދޭން ތިބޭފުޅުންނަށް ކެރިވަޑައނުގަނެގެން ތި އުޅުއްވަނީ، ޖެހިލުންވެ ވަޑައިގެން ތިއުޅުއްވަނީ ކީއްވެގެންތޯ، ހުށަހެޅިގެން މިއުޅޭ މައްސަލައަކީ 13 ނޮވެމްބަރު 2020 ވަނަ އަހަރު ވީޓީވެ ގޮނޑިކޮޅު ޕްރޮގްރާމްގައި ދެއްކެވި ވާހަކައަކަށް ބިނާކޮށް މަޖިލިސް މަދު މެންބަރުންތަކެއް ހުށަހަޅައިގެން އުޅޭ މައްސަލައެއްކަން އަޅުގަނޑު ފާހަގަ ކުރަން، ވަރަށް ސާފު، މިއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލަން މަޖިލިސްގެ މަދު މެންބަރުންތަކެއް ކުރާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަ ކުރަން، މިއީ ދިވެހި ރާއްޖެގެ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ޓީވީއަކަށްއަރާ ވާހަކަ ނުދެއްކޭ ނަމަ ކޮން ދިވެހި ރައްޔިތަކަށްތޯ އޮތީ އެ ހައްގު'' މިނިސްޓަރު މަލީހް ވިދާޅުވިއެވެ.
''އިންސާފްގެ ދަތުރުގެ އޮޑި ކަނޑު ފެތުނީތޯ، އިންސާފަކީ އިދިކޮޅުގައި ތިއްބަވާއިރު ޖަހަން އޮންނަ މިޔުޒިކެއްތޯ، އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރުވެވުނީމަ ހަނދާންނެތޭ އެއްޗެއްތޯ''- މިނިސްޓަރު މަލީޙް
މިނިސްޓަރު މަލީޙް ވަނީ އެ މައްސަލަ ރައްދުވަނީ އޭނާއަށް ކަމަށް ޝައްކު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އިތުބާރުގެ މައްސަލާގައި ފޮނުވި ނޯޓިސްގައި ހިމެނޭ ލިޔުމުގެ ފުރަތަމަ އަދި ހަތަރު ވަނަ ޕެރެގްރާފްގައިވާ ނަން ދިމާ ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ނޯޓިސްގެ ދެވަނަ އެޓޭޗްމަންޓަކީ ހުސް ކަރުދާސް ގަނޑެއް ކަމަށާއި، އެ ގަނޑުގައިވާއެއްޗެއް ނުވާއެއްޗެއް އޮޅުން ނުފިލާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހުށަހެޅުމަކީ ހުށަހެޅުމުގައި ވެސް ބާޠިލްއެއްޗެއްކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެ މައްސަލަ ބާޠިލްކޮށްދޭން މަޖިލިސްއަށް ސިޓީއަކުން ދެންނެވި ކަމަށާއި، މަޖިލިސް ތަޅުމަށް އޭނާ ވަޑައިގަތުމާއި ހަމައަށް ވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ވެސް ދީފައި ނުވާ ކަމަށެވެ.
މަލީޙް ވަނީ ބިރު ނުދެއްކޭނެ ކަމަށާއި، ހަކުރާގޭ ފެންޑާގައި އެކޮކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިއްޕަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!