ށ. މަރޮށި ހިމެނޭހެން ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ މަސައްކަތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިގޮތުން އެ މިނިސްޓްރީއިން ހުޅުވާލާފައި ވަނީ ށ. މަރޮށީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ އިތުރުން ބ. ހިތާދޫ ބަނދަރު ބޭރުތޮއްޓާއި އެއްގަމު ތޮށި ހެދުމުގެ މަސައްކަތާއި، މ. މުލީ ބަނދަރު ރީކޮންސްޓްރަކްޝަން މަސައްކަތް އަދި ވ. ތިނަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތި ލުމަށެވެ.
މިމަސައްކަތްތަކަށް ކުރިމަތި ލުމަށް އެދި ހުޅުވާލައި، ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ ޢިއުލާންގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި ގުޅިގެން، ގުޅިގެން މި މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީއިން ކުރި ނަންބަރު IUL)13-K/13/2020/158) އިޢުލާންގައިވާ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް ބަދަލުތައް ގެނެވިފައި ވާކަމަށެވެ.
މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ކޮންމެ ބީލަމެއްގެ ބައިވެރިވުމަށް 1,500 ދިވެހި ރުފިޔާ ނުވަތަ 100.00 ޔޫއެސް.ޑީގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި، ފައިސާ ބަލައިގަންނާނީ 20 ޖުލައިގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!