ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙުތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން، މިނިވަން ދުވަހާއި ގުޅިގެން ކުރިން އަހަރުތަކުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Ad
rt

މިނިންމެވުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި މިކަން ރައީސް ޞާލިޙް ހިއްސާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަން ހިއްސާ ކުރަށްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އެގޮތަށް ނިންމެވީ، ކޯވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއިއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ކޯވިޑް-19 އާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ ހާމަ ކުރަށްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ލަފާ ހޯއްދެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިނިވަންދުވަހުގެ އިޙްތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމެވި ނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށެވެ.