ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ.

މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ.

Ad
rt

މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، އެ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ދިޔަ ޓީމުން މިއަދު ކެލާ ކަނޑޫފަލަށް ގޮސް، ތަހުލީލަށް ބޭނުންވާ މައުލުމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސަރުކާރުގެ ޓީމު ކެލާ ކަނޑޫފަލުގައި

ކެލާއާއި ނޭކުރެންދޫއަކީ ވަރަށް ބޮޑު ދެ ކަނޑޫފާ އޮންނަ ދެ ރަށެވެ. ނޭކުރެންދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ކަނޑޫފާ އޮންނަ ރަށެވެ.

ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާ ކޮށްފައެވެ. އެރަށު ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެރަށު ކައުންސިލުންނާއި، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށު ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން ހުސްވި ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މިގޮތުން ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ޖޫން 27 ވަނަ ދުވަހު ފަށާފައިވާއިރު، މިދިރާސާއަކީ ނޭކުރެންދޫ ކައުންސިލާއި، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. މިދާރާސާއަށް މާލީ އެހީތެރިކަން ދެނީ ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުންނެވެ.