ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އާރްއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ.

އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ.

Ad
rt

މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ.

މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިއަދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަނބޮޑުވުން ފާޅުކޮށްނެރު ބަޔާނެއްގައި ބުނެފައިވަނީ ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމުގައި އެޖަމިއްޔާއިން ދެކޭކަމަށެވެ.