ސްކޫލަށް ދިޔަމަގުމަތީ މިއަދު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ދަރިފުޅުގެ ދުވަސް ހޭަދަކުރާނެ ގޮތުގެ ވާހަކަ ދެއްކިން ހެއްޔެވެ؟ އޭނާ މިއަދު އެންމެ "ލުކްފޯވަޑް" ކުރާ ކަމަކީ ކޮބައިކަން ބުނި ހެއްޔެވެ؟
ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު، އަތުގައި ހިފައިގެން ހިނގާލާފަ ދިޔުމަކީ ވަރަށް ސަޅިކަމެކެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ އިތުބާރު ބޮޑުވެގެން ދާނެއެވެ.
ދުވަސް ފަށާއިރު، ކުއްޖަކަށް އެންމެ ބޭނުންވާ އެއްކަމަކީ މިއަދު އޭނާއާއި ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރެވެ. އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އޮތުމެވެ. ތިމަންނާއަކީ އަގުހުރި ކުއްޖެއްކަމުގެ އިހްސާސް ކުރެވުމެވެ.
ބީހިލުމަކީ އިތުބާރު އުފެއްދުމުގެ ވަސީލަތެކެވެ. އަދި އެއިތުބާރު ބަދަހިވެގެން ދަނީ ހިތުގެ ލޯތްބާއިއެކު ވާހަކައިގެ ތެރޭގައި އެކަކު އަނެކަކުގެ މޫނަށްބަލާ ހަތަރުކަޅި ހަމަކޮށްލާ، ލޯބީގެ ޔަގީންކަން ދިނުމުންނެވެ.
ދަރިފުޅު ގޮވައިގެންދާއިރު، އަތުގައި ހިފާލައިގެން ހިނގާލާ، އެކުގައި ވާހަކަދައްކާލާ ހިތްގައިމު ވަގުތުކޮޅެއް ކަމުގައި ހަދާ، ހިނިތުންވުމާ ހިތުގެގާތްކަމާއެކު ހަތަރުކަޅި ހަމަކޮށްލެވޭ ކޮންމެ ހިނދުކޮޅަކީ ދަރިފުޅަށް ދެވޭ ވަރަށް އަގުހުރި ހަދިޔާއެކެވެ.
ލޯތްބާއި އަޅާލުމާއި ތިމާއަކީ އަގުހުރި ކުއްޖެއްކަމާއި އަމިއްލަ ނަފްސަށް އިތުބާރުކުރެވުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!