އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ސެންޓަރަލް އިންޓަލިޖެންސް ބިއުރޯ (ސީއައިބީ) ގެ އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުންނެވެ.

އިންޑިއާގެ ފައިސާއާބެހޭ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ސީއައިބީއާއި ތަންފީޒީ ޑައިރެކްޓްރޭޓުން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ ހަރަކާތްތަކެއްގައި ބައިވެރިވެ އަދި ކޮރަޕްޝަނުގެ ފައިސާ ނަގައިގެން 2006 ވަނަ އަހަރު މުޢާސަލާތީ އެއްބަސްވުމެއްގެ ހުއްދަ ކުންފުންޏަކަށް ދީފައިވެއެވެ.

Ad
rt

ޗިދަމްބަރަމްގެ މައްޗަށް ކުރާ ތުޙުމަތުތަކަށް ކަނޑައެޅިގެން އިންކާރުކުރާކަމަށާއި، ތުހުމަތުތަކުގައި އެއްވެސް ހަޤީޤަތެއްނެތްކަމަށް އޭނާ ހައްޔަރުކުރުމުގެ ގަޑިއިރުތަކެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނެފައިވެއެވެ.

ޢުމުރުފުޅުން 72 އަހަރުގެ ޗިދަމްބަރަމްއަކީ ދެފަހަރެއްގެ މަތިން އިންޑިއާގެ ފިނޭންސް މިނިސްޓަރުކަން ކޮށްފައިވާ މީހެކެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ސަރުކާރާއި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ޗިދަމްބަރަމް ހައްޔަރުކުރުން ސިފަކުރަނީ އިންޑިއާގެ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޮޑުވަޒީރު މޯދީ އަޑީގައި ހުންނަވައިގެން ހިންގާ ސިޔާސީ ފިނޑި ޢަމަލެއް ގޮތުގައެވެ.