ހއ. ބާރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ ރަށެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެވެރިންގެ އަމިއްލަ މަސައްކަތުން އޮޑިދޯނި ފަހަރު ބަނުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަތްތެރިމަސައްކަތާއި، ހިރިގަލާއި ވެލިގަލުގެ މަސައްކަތްކޮށް އުޅޭ ބަޔަކަށް ވުމާއި، މީގެ އިތުރުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ބަންޑާރައިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި ރަށަކަށްވުމާއި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަޒޯރު އަތޮޅުވެރިކަން ކުރެއްވި ރަށަށްވުމުން މިރަށް ފާހަގަ ކުރެވެނީ ތާރީޚީ ގޮތުން މުހިންމު ތަންތަނާއި، ގިނަ ހާދިޞާ ތަކެއް ހިނގާ މިހާރުވެސް އެފަދަ ތަންތަން ފެންނަން ހުރި ރަށެއްގެ ގޮތުގައެވެ. އެގޮތުން މިލިއުމުގައި ފާހަގަކޮށްލެވޭ 10 ކަމަކަށް އަލިއަޅުވާލާނަމެވެ.
- ބައު ހުކުރު މިސްކިތް
މިމިސްކިތަކީ ވެލިގަލާއި، އުވަ ބޭނުންކޮށްގެން ހަދާފައިވާ ތާރީޚް ނޭނގޭ ޒަމާންވީ މިސްކިތެކެވެ. މިމިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުޙަންމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ ތަނެއް އެބަހުއްޓެއެވެ. މިތަނުގެ މަތީގައި އެޒަމާނުގައި ވަނީ ސަނދުވާ ދަމާ ޒީނަތްތެރި ކޮށްފައެވެ. މިމިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުންކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި އިރު އުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުރެއެވެ. އަދި މިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ފެންވަރާ ވެވެއް އެބައޮތެވެ. މިމިސްކިތް މިގޮތަށް ބެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި އެކިފަހަރު މަތިން ޓިނު ބަދަލުކުރެވި އަދި މިހާރުވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް މޮޅު ޓިނުޖަހާ މަތިވަޑާންގަނޑު ބަދަލުކޮށް ރީތިކޮށް ހަދާފައެވެ. އަދި މުންނާރާއި، ޒަމާންވީ ވަޅުވެސް ވަނީ މަރާމަތުކޮށް ރަނގަޅުކުރެވިފައެވެ.
- ކަޅުއޮށްފުންމި ބެންނެވުން
އުތީމު މުޙަންމަދު ތަކުރު ފާނު ޕޯޗުގީޒު ލަސްކަރާ ޖިހާދު ކުރެއްވުމަށް ބެންނެވި އޮޑިކޮޅު ( ކަޅުއޮށްފުންމި ) ބަންނަވާފައިވަނީ ބާރަށުގައެވެ. މިއޮޑިކޮޅު ބެންނެވި އޮޑިވަޅާއި، ހަރުގެ އެޅުއްވުމަށް ޖެއްސެވި ނިކަމުޑިތައް ރޯވެ މިހާރުވެސް އެތަނުގައި ފެންނަށް އެބަހުއްޓެވެ. އަދި އެބޭފުޅުން މިއޮޑި ކޮޅު ބެންނެވުމަށް ހަރުގެ އެޅުއްވެވިއިރު މާތްﷲގެ ވާގިފުޅުން އެބޭފުޅުންނަށް ދެއްވި ބަރަކާތެއް ކަމަށް ބުނެވޭ އަރިފަނުން ވާރޭ ހިޔާވުން ހަމައެކަނި ލިބިފައިވާ ރަށަކީވެސް މިރަށަށްވުން ޚާއްޞަ ގޮތެއްގައި މިހާރުވެސް ފާހަގަ ކުރެވެއެވެ.
- ކަޅުއޮށްފުންމި ބެންނެވި މަގާއި، އެމަގުގައިހުރި 2 ވަޅު
މިދެވަޅުކޮޅަކީ ކަޅުއޮށްފުންމި ބެންނެވިއިރު ދެލިއުނބަށް ފެންޖެއްސެވުމަށާއި، އަދިވެސް އެކަމާއި ގުޅޭ ކަންކަމަށް ފެންބޭނުންކުރެއްވި ދެ ވަޅުކޮޅެއެވެ. މިދެވަޅުކޮޅު ހަދާފައިވަނީ ވެލިގަލާއި، އުވަ ބޭނުންކޮށް، ފެނާ ހަމާގައި ޅޮސް ( ލަކުޑިއެއް ) ބޭނުންކޮށްގެންނެވެ. މިދެވަޅުންކުރެ އިރުމަތީގައި ހުރި ވަޅުގައި ކަޅުއޮށްފުންމިއަށް ބޭނުންވާ މަދަނާ، ދެލި ފުނޑުއްވި ކަޅުހިލަދައި މިހާރުވެސް އެބައޮތެވެ. މިމަގުގެ ދެފަރާތުގައި ކަޅުއޮށްފުންމި ބެންނެވިއިރު ހަރުގެ އެޅުމަށް ދެފަރާތުގައި ޖެއްސެވި ނިކަމުޑިތައް ރޯވެ ބޮޑެތި ގަސްގަހަށްވެ އަދިވެސް އެގަސްތައް އެމަގުގެ ދެފަރާތުގައި މިހާރުވެސް އެބަހުއްޓެވެ. އަދި ކަޅުއޮށްފުންމި ބެންނެވިއިރު ވަޅުލެއްވުމަށް ކޮންނަވާ ނެންގެވި ފަސްގަނޑު މަގުގެ އުތުރު ފަރާތުގައި އެބައޮތެވެ. މިދެވަޅުކޮޅު މިގޮތަށް ބެހެއްޓުމަށްޓަކާއި ރައްޔިތު ފެންވަރުގައި މިމަގު ކުނިކަހާ ސާފުތާހިރުކޮށް ދޭތެރެ ދޭތެރެއިން ވަޅުދިޔަ ހިއްކާ ހަދައެވެ. އަދި ސަރުކާރުން މިހާރު ދެފަހަރެއްގެ މަތީން އެދެވަޅު ވަށައިގެން ފޫޓު ފާރުލާ، އެތަނަށް ވަދެ ނުކުތުމަށް ދޮރުލައިފައިވެއެވެ.
- ކަމަނާމަގު
މި މަގަކީ ޢީދު ކުޅިވަރު ކުޅުނު ދުވަހު މުޙަންމަދު ތަކުރުފާނު ބޮލަށް ގޮންޖެއްސެވި ބާރަށު ބޯށިވަލު ބުޅާފާޠިމާގެ ރެހެންދި ގޮއްޔެ ގޮވައިގެން އިރުމަތި ފުއްޓަރު ފަރާތަށް ގެންދިއަ މަގެވެ. ( މިފުއްޓަރު ފަރާތުން އެކަކު އަނެކަކަށް ލޯބިވެ ކައިވެނި ކުރުމަށް އެއްބަސްވެގެންނެވެ. ) އަދި މި މަގަކީ ސިއްތިމާވާ ރަނިކިލެގެފާނު ބަލިވެގެން ކިޔަވާ ގެއެއް އަޅާ ކިޔެވެލި ކިޔެވި މަގެވެ. އަދި މިކިޔެވެލި ކިޔެވިއިރު ފެން ނެންގެވުމަށް ބޭނުންކުރެއްވި ވަޅުކޮޅުވެސް މިމަގުގެ ދެކުނު ފަރާތު ފުއްޓަރާ ކައިރީގައި ފޮރުވާލެވިފައި އެބަހުއްޓެވެ. މިމަގު މިގޮތަށް ބެލެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި މިމަގު ދެފަރާތުގައިވަނީ ދިވެހި ރުއް އިންދާފައެވެ. އަދި ދޭތެރެ ދޭތެރެއިން ރައްޔިތުން ނުކުމެ ކޮށާ އަލިކޮށް އަންހެނުން ކުނިކަހާ ހަދަމުން ދެއެވެ.
- ކަމަނާމަގުގެ ދެކުނު ފަރާތުގައި ހުންނަ ވަޅު
މި ވަޅަކީ މުޙަންމަދު ތަކުރުފާނުގެ އަނބި ކަނބަލުން ސިއްތިމާވާ ރަނިކިލެގެ ފާނު ވަރަށް ބޮޑަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމުން ސަލާމަތް ކުރައްވާތޯ ފުއްޓަރު ފަރާތުގައި ކިޔެވެލި ކިޔެވިއިރު ފެންބޭނުން ކުރެއްވުމަށް ކޮންނެވި ވަޅެވެ.
(ނުނިމޭ)
މަސްދަރު: ދިވެހި ވިކިޕީޑިޔާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!