ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާޙުކޮށްފިއެވެ.
މި ޕްލޭނަކީ 2026 އިން 2028 އަށް އެކުލަވާލާފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ.
މި އިސްތިރާޖީ ޕްލޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި މަގުޗާޓަކީ ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން އިދާރާގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ޕްލޭނެއް ކަމަށެވެ. އަދި މިއީ ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި އެ އިދާރާގެ ދައުރު ވަރުގަދަކުރުމަށް އެކުލަވައިލެވުނު މުހިންމު އޮނިގަނޑެއް ކަމަށްވެސް ބުންޏެވެ.
މި އިސްތިރާޖީ ޕްލޭނުގައި ޒަކާތު ހައުސްއިން ވަނީ އިސްކަންދޭނެ މައިގަނޑު ހަތަރު ދާއިރާއެއް ފާހަގަކޮށްފައެވެ. އެއީ އިތުބާރު ދެމެހެއްޓުމާއި ޢާންމުން ހޭލުންތެރިކުރުވުމާއި، ޒަކާތް ބަލައިގަންނަ މިންވަރާއި ވަސީލަތްތައް އިތުރުކުރުމާއި، އުފެއްދުންތެރި ޒަކާތް ކުރިއެރުވުމުގެ އިތުރުން މަސައްކަތްތައް ޒަމާނީކުރުމާއި އިދާރާގެ ޤާބިލުކަން އިތުރުކުރުމެވެ. މި ކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަން އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ސްޓްރެޓީޖިކް ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، މި ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހިންގުމުގެ އުސޫލުތައް ޢާންމުކުރުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހާމަކުރުމަށެވެ. އަދި ޒަކާތް ދައްކާ ފަރާތްތަކަށާއި ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ތެރެއިން ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަން ކަށަވަރުކޮށް، ޢާންމުންގެ އިތުބާރު ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ.
މީގެއިތުރުން، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ޕްލޭނުގެ މުހިންމު މަޤްޞަދެކެވެ. އެގޮތުން މިލްކިއްޔާތު ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް މިސްރާބު ބަދަލުކޮށް، އުފެއްދުންތެރި ޒަކާތުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރުމަށް މަސައްކަތްކުރާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
މި ޕްލޭނާއެކު ޒަކާތު ހައުސްގެ އަމާޒަކީ ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ޒަކާތުގެ ނިޒާމެއް ބިނާކުރުމެވެ. އަދި މީގެ ބޭނުމަކީ ހަމައެކަނި ވަގުތީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި، އެހީ ލިބޭ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދެމެހެއްޓެނިވި ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ ފުދުންތެރިކަން ހުރި މުޖުތަމަޢެއް ބިނާކުރުމަށް ޙިއްޞާވެވޭނެ ފަދަ ނިޒާމަކަށް ރާއްޖޭގެ ޒަކާތުގެ ނިޒާމު ބަދަލުކުރުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!