ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޭނާގެ އޯޓީޕީ ކޯޑު ހޯދުމަށްފަހު އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިގޮތަށް މަކަރާއި ހީލަތުން އެކައުންޓަށް ވަދެ، އެ އެކައުންޓުން 63،000 ރުފިޔާއާއި 21،000 ޑޮލަރު ފޭރިގެންފައިވާ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ) އާއި، ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ) އާއި، ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ) އަދި ލ. ގަން / މަތިމަރަދޫ، ލިލީނައިޓް، ޢަލީ ދާއިން (21އ) އެވެ.
މި މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގައި ހިމެނޭ އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އަޙްމަދު 10 ދުވަހަށް އަދި ދެން ތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!