ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ކަނާތުފިޔައިގެ ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން ފުރުން މަނާކޮށްފައި ވަނިކޮށް އެ ގައުމުން ފިލައިގެން ހިނގައްޖެއެވެ. އޭނާ ގައުމުން ފިލާފައިވަނީ އަނބިކަނބަލުންނާއި ދެ ދަރިންނާއެކު އެއްގަމު މަގުން އާޖެންޓީނާއަށް އެތެރެވުމަށްފަހު، ޕްރައިވެޓް ޖެޓެއްގައި އެކުއަޑޯ މަގުން އެމެރިކާއަށް ދިއުމަށެވެ.
އާޖެންޓީނާގެ މައިގްރޭޝަން އޮތޯރިޓީން ބުނީ ފްލާވިއޯ އާއި އޭނާގެ އާއިލާ އަންގާރަ ދުވަހުގެ ރޭ އެއްގަމު މަގުން އެ ގައުމަށް އެތެރެވުމަށްފަހު، "ގަލްފްސްޓްރީމް ޖީ400" ބާވަތުގެ ޕްރައިވެޓް ޖެޓެއްގައި ފުރާފައިވަނީ އެކުއަޑޯގެ ގުއަޔަކީލްއަށް ކަމަށެވެ. އަދި ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓްއަވެއާއިން ދައްކާ ގޮތުގައި، އެ ބޯޓު ބުދަ ދުވަހުގެ ހެނދުނު އެކުއަޑޯއިން ފުރައިގެން ކެރީބިއަން ކަނޑު މަތިން މިއާމީއަށް މިސްރާބު ޖަހާފައިވެއެވެ. މިއާއެކު، ފްލާވިއޯގެ ޕާސްޕޯޓް ހަވާލުކުރުމަށް ދިން ސުންގަޑިއަށް އަމަލުކޮށްފައި ނުވާތީ، ބްރެޒިލްގެ ފެޑަރަލް ޕޮލިސީން ވަނީ އޭނާގެ ޕާސްޕޯޓް ބާތިލްކޮށްފައެވެ.
ފްލާވިއޯ ގައުމުން ފުރައިގެން ދިއުން މަނާކޮށް އަމުރެއް ނެރުނީ، އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލުލާ ދާ ސިލްވާގެ އަތުން އޭނާ ނާކާމިޔާބުވީތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ގާޒީ އަލެކްސަންޑްރޭ ދެ މޮރާއިސްއެވެ. އެ އިންތިޚާބު ލުލާ ކާމިޔާބުކުރެއްވީ %51.8 ވޯޓުންނެވެ. ފްލާވިއޯއަށް ކުރެވޭ ޖިނާއީ ތުހުމަތުތަކުގެ ތެރޭގައި 10 ބިލިއަން ޑޮލަރުގެ ބޭންކެއް ހުއްޓުމަކަށް އައި މައްސަލައިގެ އަޑީގައި ހުރި ކަމަށް ތުހުމަތުކުރެވޭ މީހާއާ އޮތް ގުޅުމާއި، ރަހުމަތްތެރިއަކާއެކު ހިންގާފައިވާ މަނީ ލޯންޑަރިންގެ މައްސަލައެއް ހިމެނެއެވެ. ނަމަވެސް ފްލާވިއޯ ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
އަންގާރަ ދުވަހު 81 ވަނަ އުފަންދުވަސް ފާހަގަކުރެއްވި ރައީސް ލުލާ ވަނީ ފްލާވިއޯ ފިލައިގެން ދިއުމަކީ "ލަދުވެތި" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ލުލާ ވިދާޅުވީ އިންތިޚާބުން ނާކާމިޔާބުވުމުން ގައުމު ދޫކޮށް ދާންޖެހޭނީ ކޮންފަދަ ކުށްވެރި އިހުސާސެއް ސިކުނޑީގައި އޮތުމުންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ބޮލްސޮނާރޯގެ އާއިލާއިން ބްރެޒިލާމެދު ކަންތައް ކުރަނީ އެއީ އެ މީހުންގެ "ދެވަނަ ގެ" ކަމަށް ދެކިގެން ކަމަށްވެސް ލުލާ ވިދާޅުވިއެވެ.
ފްލާވިއޯގެ ކެމްޕޭން ކޯޑިނޭޓަރު، ސެނެޓަރު ރޮޖޭރިއޯ މަރީނިއޯ ބުނީ ފްލާވިއޯ ފިލުމުގެ ނިންމުމާ މެދު އޭނާއަށް މައުލޫމާތު ދީފައި ނުވާ ކަމަށާއި، އެކަމާ ހައިރާންވި ކަމަށެވެ. ނަމަވެސް ރައްޔިތުންނާ މެދު ގިނަ އަނިޔާތަކެއް ވަމުންދާތީ އެ ނިންމުން "ބަލައިގަނެވޭ" ކަމަށް މަރީނިއޯ ބުންޏެވެ. މީގެއިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާއަށް ފާޑުވިދާޅުވެ، ފްލާވިއޯ އެމެރިކާއަށް ވަޑައިގަތުމަށް "ތާއީދުކުރައްވާ" ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އެޑްމިނިސްޓްރޭޝަނުން ވަނީ ފްލާވިއޯއަށް ވިސާ ދޭނެ ކަމަށް ބުނެފައެވެ.
ފްލާވިއޯއަށް އެމެރިކާއިން މަރުހަބާ ކިޔައިފިނަމަ، ބްރެޒިލްއާއި ވޮޝިންގްޓަނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ. ފްލާވިއޯގެ ބައްޕަ، ޖާއިރް ބޮލްސޮނާރޯ ވަނީ 2022 ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވުމުން ބަޣާވާތެއް ރޭވި މައްސަލައިގައި 27 އަހަރުގެ ޖަލު ހުކުމެއް އައިސް، ސިއްހީ ސަބަބުތަކަށްޓަކައި ގޭބަންދުގައެވެ. އަދި ފްލާވިއޯގެ ކޮއްކޮ، އެޑުއާޑޯ ބޮލްސޮނާރޯ ވަނީ ބައްޕަގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ސާބިތުވެ ހުކުމްކުރުމުން މިހާރު އެމެރިކާގެ ޓެކްސަސްގައި ދިރިއުޅެން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!