އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެހެނިހެން މަސައްކަތްތަކުގެ ބައިގައި މި މައްސަލަ ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖައާކުރުމަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ.
މެންބަރު މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖައާކޮށް، ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ ކަނޑައެޅުމަށެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވިއިރު، ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ އެ ވަގުތު ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ބަދަލު ގެނައުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާ އެއްވަރުގެ އާމްދަނީއެއް އުއްތަމަ ފަނޑިޔާރަށްވެސް ލިބޭނެ ގޮތް ހެދުމެވެ. މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.
ޝަރުޢީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ނިމިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ރުފިޔާއެވެ. އެހެންކަމުން، މިއަދު ކޮމިޓީން ފާސްކުރި ގޮތަށް 4،125 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމުން، އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ޖުމްލަ 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ މީގެކުރިން ވަޒީރުންގެ މުސާރައާއި އިނާޔަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ހަމަޖެއްސުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.
މީގެއިތުރުން، ކައުންސިލަރުންނާއި ކައުންސިލްތަކުގެ ރައީސުންގެ އިތުރުން ކައުންސިލްތަކުގެ ނައިބު ރައީސުންނަށް 5،000 ރުފިޔާގެ އިތުރު އިނާޔަތެއް ދިނުމަށްވެސް އެ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!