ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސަކާ ނުލައި ގަރާރު ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން ނަމަ، މެންބަރަކު ގަރާރެއް ހުށަހެޅުއްވުމާ އެކު، އެ ގަރާރު ބަލައިގަތުމުގެ ކުރިން އެ މައްސަލައަކަށް ބަހުސްކުރުމުގެ ފުރުސަތު މެންބަރުންނަށް އޮވެއެވެ. އަދި އެ ގަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓެއް ނަގަނީ ބަހުސްގެ މަރުހަލާ އެއްކޮށް ނިމުމަށް ފަހުގައެވެ.
ނަމަވެސް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، މަޖިލީހަށް ގަރާރެއް ހުށަހެޅުމާ އެކު އެންމެ ފުރަތަމަ ވެސް ޖެހޭނީ އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާށެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން އެ ގަރާރެއް ބަލައިގަންނަން ފާސްނުވެއްޖެ ނަމަ، ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި އެ ގަރާރެއް ވަގުތުން ބާތިލުވާނެއެވެ.
މީގެ އިތުރުން މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް ދެން ގަރާރެއް ހުށައެއް ނޭޅޭނެ ކަމަށް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލުތައް ގެންނަން މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ. ހަންނާނު ހުށަހެޅުއްވި ހުށަހެޅުމުގައިވާ އިބާރާތްތަކަށް އާންމު ކޮމިޓީން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައި ނަމަވެސް، އެ ހުށަހެޅުމުގެ އަސްލު މަފްހޫމަށް ކޮމިޓީން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އާންމު ކޮމިޓީން އެ އިބާރާތްތަކާ އެކު ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ރިޕޯޓް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ކުރި ބަހުސްގައި އިދިކޮޅު ބައެއް މެންބަރުން ވަނީ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން ވިދާޅުވީ އިދިކޮޅުން މަޖިލީހަށް ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!