ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދެއްވުމަށް ޑޮކްޓަރަކު ބައްލަވަން ފަށްޓަވައިފިއެވެ.
މި ޚިދުމަތް ފަށްޓަވާފައިވަނީ ކުޑަކުދިންގެ ނާރުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް، ޑރ. އާމިނަތު އަބޫބަކުރެވެ.
ކޭއާރްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އާމިނަތު އަބޫބަކުރު މިހާރު ވަނީ އެ ހޮސްޕިޓަލާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ އޯޕީޑީގައި ބަލިމީހުން ބައްލަވަން ފަށްޓަވައި، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަންތައް ދެއްވަން ފައްޓަވާފައެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޑރ. އާމިނަތު ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި، ނާރުގެ ބަލިތައް ތަޙައްމަލުކުރަމުންދާ ކުޑަކުދިން ބައްލަވައި އެ ކުދިންނަށް ބޭނުންވާ ފަރުވާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކުދިން ބެއްލެވުމުގެ ޚިދުމަތް ވެސް ޑޮކްޓަރު ފޯރުކޮށްދެއްވާނެއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ސިކުނޑިއާއި ނާރުގެ ނިޒާމުގެ ހެދިބޮޑުވުން ދެނެގަތުމަށްޓަކައި ހަދަންޖެހޭ ނިއުރޯޑިވެލޮޕްމަންޓަލް އެސެސްމަންޓްތައް ހެދުމާއި، އެކަމާ ގުޅޭ ފުރިހަމަ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުން ވެސް ޑޮކްޓަރުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ކޭއާރްއެޗުން މަޢުލޫމާތު ދެއެވެ.
ކޭއާރްއެޗުން ބުނީ މި ޚާއްޞަ ޚިދުމަތްތަކާއެކު، ކުޑަކުދިންގެ ނާރުގެ ދުޅަހެޔޮކަމާއި، ހެދިބޮޑުވުމާއި އަދި ޖުމްލަ ޞިއްޙަތު ކުރިއަރުވައި ރަނގަޅުކުރުމަށްޓަކައި ފެންވަރު ރަނގަޅު، ފުރިހަމަ، އަދި ކުދިންނަށް އިސްކަންދޭ ފަރުވާ ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވެފައިވާ ވަޢުދު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ޑރ. އާމިނަތު އަބޫބަކުރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެޕޮއިންޓްމަންޓް ހެއްދުމަށްޓަކައި ހަވީރު 4:00 އިން ހެނދުނު 6:00 އާ ދެމެދު 6528864 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!