22 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:

" އެކަމަކު އަހަރެން ކައިރީ އަހައިވެސް ނުލާ، ތިވަރުގެ ބޮޑު ނިންމުމެއް ކީއްވެ ތި ނިންމީ؟" މާޔާ ސުވާލުކުރީ ވަރަށް ރުޅި ގަދަވެގެންނެވެ.

Ad
d

ޙަޤީޤަތުގައި އާއިޒަށް އެ ގުޅުނީ އެންމެ ނުބައި ވަގުތެވެ. މާޔާގެ ހިތާއި ސިކުނޑިއަށް ކުރަމުންދާ އަސަރުތައް ޚުދު މާޔާއަށް ވެސް ކޮންޓްރޯލް ނުކުރެވެއެވެ.

" މަންމަ އެ ގޮތް ބޭނުންވާތީ، މާޔާ ވެސް ހުރީ އެ ރޭ ހިޔާލު ބަދަލުވެފައެއްނު. އަދި މިއަދު ވެސް ބުނީމެއްނު ކައިވެނި ލަސްކުރާ ކަހަލަ ވާހަކައެއް." އާއިޒް ބުންޏެވެ.

މާޔާއަށް ނިތްކުރިމަތީ ހިފަހައްޓާލެވުނެވެ. ފުންނޭވާއެއް ދޫކޮއްލަމުން މާޔާ ގޮސް އަނެއްކާ ވެސް އެނދުގައި އިށީނެވެ.

" އާއިޒް. ފޯނުން ކިޔައިދެވޭ ވަރަށް ވުރެން މަސްލަޙަތު މާ ގޯސްވެއްޖެ. އަހަންނާ ބައްދަލު ކުރަންވީނު." ވަރުބަލިކަމާއެކު މާޔާ އެދުނެވެ.

" އެ ކިހިނެއްވީ؟ އޯކޭ އަހަރެން އެބަ ދަން ތި ގެއާ ދިމާލަށް." އާއިޒް ބުންޏެވެ.

އާއިޒް ދާން ވާއިރަށް މާޔާ ހުރީ މަގުމައްޗަށް ނިކުމެއެވެ. މާ ދުރުން އާއިޒަށް މާޔާގެ މޫނުމަތީގައިވާ މާޔޫސްކަމުގެ އަސަރުތައް ފާހަގަ ކުރެވުނެވެ. އާއިޒް ގޮސް މާޔާގެ ކުރިމަތީގައި ހުއްޓުމާއެކު އާދޭހުގެ ނަޒަރަކުން މާޔާ އާއިޒްގެ މޫނަށް ބަލައިލިއެވެ.

" ހިނގާބަ ވަރަށް ހަމަހިމޭން ތަނަކަށް ދާން. އަހަރެން ބޭނުންވަނީ އެއްވެސް މީހެއްގެ ހިލަމެއް ނުވާތާކަށް ދާން. އަހަރެން ވަރަށް ބޯ ހަލާކުވޭ އެބަ." މާޔާއަށް ވާހަކަ ދެއްކުނީ ނުހަނު އަވަހަށެވެ.

" ހޫމް. ގެންދާނަމޭ! ފުރަތަމަ ހަމަޖެހިލަބަލަ. މާޔާ ތިހެން އުޅޭތީ އަހަރެން ވެސް މިހާރު ބިރުގެންފި." އާއިޒް ބުންޏެވެ.

އޭރު ވެސް މާޔާ ހުރީ ގޮތް ހުސްވެފައި ހުރި ކަހަލަ ގޮތަކަށެވެ.

" ހިނގާ ވުޑްއެޕަލްއަށް ދާން. މިތާ ކައިރިއެއްނު. މީހުން ވެސް މަދުވާނެ." އާއިޒް ބުންޏެވެ.

ބޯ ޖަހާލަމުން މާޔާ އާއިޒާއެކު ހިނގައިގަތެވެ. ދެ މީހުން އެކުގައި ގޮސް ރެސްޓޯރެންޓަށް ވަތް އިރު ވެސް މާޔާ ހުރީ ފިކުރު ބޮޑުވެފައެވެ. ދެ ކޮފީއަށް އޯޑަރު ދިނުމަށްފަހު، އާއިޒް މާޔާގެ މޫނަށް ބަލައިލިއެވެ

" ހޫމް. ކިޔާބަލަ! " އާއިޒް ބުނެލިއެވެ.

އެއާއެކު މާޔާ ހުރިހާ ވާހަކައެއް އާއިޒަށް ކިޔައިދޭން ފެށިއެވެ. ބައްޕައާއި މަންމަގެ ހަމަނުޖެހުމުގެ ވާހަކައިން ފެށިގެން، މިހާރު ބައްޕަ ދެވަނަ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ވެސް ކިޔައިދިނެވެ.

" ދޮންބެ ބުނީ ވީހާ ވެސް އަވަހަކަށް އަހަރެން މެރީ ކުރާށޭ. އޭގެ ފަހުން ދޮންބެއަށް އޮތީ ބައްޕަގެ ކަންތައް ބަސްޓު ކޮއްލެވެން. އަހަންނަށް ވިސްނާފައި ދޮންބެ އެ މަޑު ކުރަނީ. އެހެންވެ އާއިޒް ކައިރީ އަހަރެން މި އާދޭސް ކުރަނީ އަވަހަށް އިންނަން. އާއިޒް އަހަރެން ބޭނުން ނުވަނީތަ؟ " މާޔާ އެހިއެވެ.

" މަންމައާ މެދު މާޔާ ހިތްހަމަޖެހޭތަ؟ އަހަރެންގެ ގޭގައި އައިސް އުޅެން އޯކޭތަ؟" އާއިޒް އެހިއެވެ.

" އަހަރެން އިންނަން މި އުޅެނީ މަންމައާތަ؟ އާއިޒާއެއްނު. އަހަންނަށް ހެޔޮ މަންމަ ކޮންމެ ކަހަލަ މީހަކަށް ވިޔަސް. މި ކައިވެނި ކުރަން އަހަރެން ބޭނުންވަނީ." މާޔާ އަޑަށް ބާރުލައިފައި ބުންޏެވެ.

" އޯކޭ. ކުރިއަށް ގެންދަންވީ. " އާއިޒް ބުންޏެވެ.

އޭނާ އެހެން ބުނި ނަމަވެސް ހިތަށް ލިބިފައިވާ ތަކުލީފެއްގެ ބޮޑުކަމުން މާޔާއަށް ހިނިތުންވެލަން ވެސް ނޭނގުނެވެ. އޭނާއަށް ދޫކޮއްލެވުނީ ހިތްހަމަޖެހުމުގެ ފުން ނޭވާއެކެވެ.

ޖެހިގެން އައި ދުވަހެވެ. މާޔާގެ ކައިވެނީގެ ހަބަރު ނަޖާހުއަށް ލިބުނީ ޒިމްނާގެ ފަރާތުންނެވެ. ހިތުގައި ރޯވެގެން ދިޔަ ވަރުގަދަ އަލިފާންގަނޑުގެ ހޫނުކަމުގެ ސަބަބުން އޭނާގެ މޫނުމަތި މިލައިގެން ދިޔަ ކަހަލައެވެ.

" މާޔާ ފެނުނީމަ ދިމާކޮއްލައްޗޭ." ހެމުންހެމުން ޒިމްނާ ބުންޏެވެ.

ބޯ ޖަހާލި ނަމަވެސް، ނަޖާހުއަކަށް ކެތެއް ނުކުރެވުނެވެ. މާޔާ ލިބުމަށް އެދި އޭނާ ކުރާ އުއްމީދުތައް ފުނޑުފުނޑު އެވީ މާ އަވަހަށެވެ. އެހާ އަވަހަށް މާޔާ ކައިވެންޏާ ހަމައަށް ދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ. ނަޖާހު ރާވައިގެން ހުރީ، މާޔާގެ ހިތް އޭނާގެ މައްޗަށް ލަންބުވާލާށެވެ. ނަމަވެސް މަސައްކަތް ރަނގަޅަށް ނުފެށި އުޅެނިކޮށް، މާޔާ ބީވެގެން ދިޔައީއެވެ.

ކުރިމަތީގައި ހުރި ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން ހުރި ނަމަވެސް، ނަޖާހުގެ ސިކުނޑި ދަތުރު ކުރަމުންދަނީ މާ ދުރަށެވެ. އާއިޒް އައިސް އޭނާގެ ކައިރީ ހުރި ގޮނޑީގައި އިށީންއިރު ވެސް ނަޖާހުއަކަށް ނޭނގުނެވެ.

" ހާދަ ބޮޑު ފިކުރެއްގައި." އާއިޒް އަހާލިއެވެ.

އެ ވަގުތު ދާދި ގާތުން އާއިޒް ފެނުމާއެކު ނަޖާހުއަށް ލިބުނީ ކުއްލި ޝޮކެކެވެ. އާއިޒްއާ މެދު އޭނާގެ ހިތުގައި ހަސަދައިގެ އަލިފާން ކެކިގަތް ކަހަލައެވެ.

" މަރުހަބާ ބްރާދަރ." ނަޖާހު އާއިޒްގެ ބުރަކަށީގައި ޖަހާލަމުން ބުންޏެވެ. އެއާއެކު އާއިޒްގެ މޫނުމަތީގައި ހުރި އުފާވެރިކަން އިތުރަށް ފާޅުވެގެން ދިޔައެވެ.

" ނުދެކެން އަދި ތިހާ އުފާވެފައި އިންދައެއް. އެހެންނެއްނު ދޯ ވާނީ. މި އޮފީހުގައި އުޅޭ އެންމެ ރީތި ކުއްޖާ ވިއްޔަ ތި ޖަހައިގަތީ. " ނަޖާހު މަޖާ ގޮތަކަށް ބުނެލިއެވެ.

" ޖަހައެއް ނުގަންނަން. އޭނަ އަމިއްލައަށް އައީ." އާއިޒް ދިން ޖަވާބުން ނަޖާހުއަށް އިތުރަށް އުނދަގޫވިއެވެ.

" އެހެންތަ؟ ތި ވާނީ އޭނައަށް އަހަރެން ކުރިން ނުފެނުނީކަމަށް. ފެނުނު ނަމަ މިހާ ވަރުގަދަ ހަށިގަނޑެއް ދޫކޮއްފަ ކަލޭ ކަހަލަ މަޑުމޮޅިއެއް ކައިރިއަކަށް ނުދާނެ އެއްނު." ހެމުންހެމުން ނަޖާހު ބުންޏެވެ.

އާއިޒް ވެސް ނަޖާހުގެ މަޖަލުގައި ބައިވެރިވީ ނަޖާހު އެ ދައްކަނީ ސަމާސާއެއް ކަމަށް ހީކޮށެވެ. ޙަޤީޤަތުގައި ނަޖާހު، އޭނާގެ ހިތުގައި އާއިޒަށްޓަކައި އޮތް ނަފްރަތު އޭނާ ބޭރުކުރަނީއެވެ. ހިތަށް ހަމަޖެހުމެއް ނުލިބިގެން އޭނާގެ ހިތް އޭރު ވެސް ތެޅިފޮޅެމުންދެއެވެ.

" ނަޖާ! އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ހަމަ ނަޖާ. ހެކިވެރިއަކަށް ނަޖާ ވާނެ އަންނަން. " އާއިޒް އެ ދިން ދަޢުވަތަކީ ނަޖާހު ޤަބޫލުކުރަން ބޭނުންވާ ދަޢުވަތެއް ނޫނެވެ. ކައިވެނީގެ މާލަމަށް ދާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.

" ކޮން ޑޭޓެއް؟" ނަޖާހު އެހީ ކަންބޮޑުވެފައެވެ.

" ހަފްތާއެއް ފަސް. ފޯމު ފުރަން ވެގެން މި އަހާލީ." އާއިޒް ބުންޏެވެ.

" އޯހ ނޯ! އަހަރެން ދެ ތިން ދުވަސް ފަހުން، ރަށަށް ދާން ވެގެން މި ދަނީ ކުރު ޗުއްޓީއަކަށް. ވަރަށް ސޮރީ ބްރޯ." ނަޖާހު އެހެން ބުނުމާއެކު އާއިޒަށް ލިބުނީ ކުއްލި ޝޮކެކެވެ.

" އެކަމަކު... ނަޖާ ބުނީމެއްނު ކުރީ ދުވަހު ޗުއްޓީތައް ހުސްވި ވާހަކަ." އާއިޒް ބުންޏެވެ.

" އޯހް. އިމަރޖެންސީ ލީވް އޮންނާނީ. އެ ނަގައިގެން މި ދަނީ." ނަޖާހު އަވަސް އަވަހަށް ބުނެލިއެވެ.

" ދެން ކީއްކުރާނީ ދޯ. އެހެން މީހެއް ހޯދާނީ ދެން." އާއިޒް ތެދުވަމުން ބުންޏެވެ.

އާއިޒް ދިޔުމާއެކު ނަޖާހު ފުންނޭވާއެއް ދޫކޮއްލީ ރުޅިވެރިކަމާއެކުއެވެ.

" އަހަރެން ކީއްކުރަން އެ ކައިވެންޏަށް ދާންވީ؟" މަޑުމަޑުން ނަޖާހުއަށް ބުނެވުނެވެ.

އޮފީސް ނިންމި ގޮތަށް މާޔާ އާއި އާއިޒް މިސްރާބު ޖެހީ އާއިޒްގެ ގެއަށް ދާށެވެ. އޭރު ވެސް މާޔާ ހުރީ ނުހަނު ފިކުރު ބޮޑުވެފައެވެ.

" މަންމަ ވެސް އޯކޭ އިނގޭ މިހާރު. ދޮންތަ ހުރީ މަންމަ ސެޓުކޮއްފައި. އެހެންވެ، މިހާރު ވިސްނަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ. މަންމައާ ގުޅުން ބަދަހިކޮށްގެން އުޅުނީމަ ރަނގަޅުވާނެ. އެހެން ނޫނަސް އަހަރެމެން ދެ މީހުން އެކުގައެއްނު އުޅޭނީ އަބަދުވެސް. އޮފީހުގައާއި ގޭގައިވެސް. ދޯ؟" އާއިޒް ބުންޏެވެ،

އޭނާ މަސައްކަތްކުރަމުން ދިޔައީ މާޔާ އުފާކޮއްދިނުމަށެވެ. އާއިލީ ހަމަނުޖެހުމުގެ ސަބަބުން މާޔާ ހުރީ ވަރަށް ބޮޑަށް ދެރަވެފައިކަން އާއިޒަށް އެނގެއެވެ. އާއިޒްގެ ފަހަތުން މާޔާ ގޮސް އެ ގެއަށް ވަތް އިރު އޭނާގެ މަންމަ އިނީ ސޯފާގައި ޓީވީ ބަލާށެވެ. މާޔާ ފެނުމާއެކު ޖަމީލާ ހިނިތުންވެލިއެވެ.

" މާޔާ މި ގެއަށް އައީމަ މަންމަ ފޫހިފިލާނެ ދޯ. ދެން އާއިޒް އޮފީހަށް ދިޔައީމަ ގޭގައި އެކަނި އިންނާކަށް ނުޖެހޭނެ އެއްނު. " ޖަމީލާ ބުންޏެވެ.

އެއާއެކު ސިހިފައި މާޔާއަށް ބަލައިލެވުނީ އާއިޒްގެ މޫނަށެވެ. ޖަމީލާ އެހެން ބުނަން ޖެހުނު ސަބަބެއް މާޔާއަކަށް ނުވިސްނުނެވެ. މާޔާގެ މޫނުމަތީގައި އުފެދުނު ކަންބޮޑުވުމުގެ އަަސަރުތަކުން، ޖަމީލާއަށް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލެވުނެވެ.

" މަންމާ! މާޔާ ވެސް އަހަންނާއެކު ވަޒީފާއަށް ދާނެއެއްނު. " އާއިޒް މަޑުމަޑުން ބުންޏެވެ.

އެއާއެކު އާއިޒަށް ބާރު ދެމުން މާޔާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

" އެ...އެހެންތަ؟ ކައިވެނި ކޮށްގެން ވެސް ވަޒީފާއަށް ދާނެތަ؟" ޖަމީލާ އެހިއެވެ.

" ވަޒީފާއެއް ލިބިފައި އޮއްވަ ވަކިވާކަށް ނުވާނެއެއްނު. މި ޒަމާނުގައި ދެ މީހުން ވެސް ވަޒީފާއަށް ގޮސްގެން ހަމަޖެހިގެން ދިރިއުޅެވޭނީ." މާޔާ ބުންޏެވެ.

" މަންމަ އަދި ހީކުރީ، އާއިޒް ކައިވެންޏެއް ތި ކުރަނީ މަންމައާ މެދު ވަރަށް ވިސްނާފަކަމަށް." މާޔޫސީ ރާގަކަށް ޖަމީލާ ބުންޏެވެ. އެއާއެކު އާއިޒަށް ލިބުނީ ކުއްލި ސިހުމެކެވެ. މަންމަ ދައްކަން އެ އުޅެނީ ކޮންކަހަލަ ވާހަކައެއްކަން އާއިޒަށް އެނގެއެވެ.

" މިހާރު ވެސް ބައްޔެއް ވިޔަސް، މަންމަ މި އޮންނަނީ ގޭގައި އެކަނިމާއެކަނި. އާއިޒް ކައިރީ މީހަކާ އިންނާށޭ އެހާވަރުން ކީ ވެސް އަހަރެން ކައިރީގައި ވެސް ހުރެދޭނެ ކުއްޖަކާ އިނދޭތޯ. އާއިޒްމެން ބަލާބޮޑުކުރީ މި މަންމަ އެކަނިމާއެކަނި. އެކަމަކު މުސްކުޅިވީ ދުވަހު ވެސް އެކަނި އުޅެން މި ޖެހެނީ. " ދެރަވެފައި ޖަމީލާ އެ ވާހަކަތައް މާޔާގެ ކުރިމަތީގައި ދައްކަން ފެށުމުން އާއިޒް ހިތްހަމައެއް ނުޖެހުނެވެ.

މިހާރު މާޔާ އެ އިނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައިކަން އާއިޒަށް އެނގެއެވެ.

" މަންމާ! މަންމަގެ ހުރިހާ ކަމެއް ވެސް އަހަރެމެންނޭ ބަލަހައްޓާނީ. އެހާ ވަރަށް ނުވިސްނާ. ބަންދު ދުވަސް ދުވަހު ވެސް އަހަރެމެން ގޭގައި އުޅޭނެއެއްނު." އާއިޒް ބުންޏެވެ.

" ދެން އެ ވާހަކަ ބާއްވާ. މި ޒަމާނުގައި މަންމަމެން ދައްކާ ވާހަކަ އަޑެއް ނާހާނެ. ކޮންމެ ދަރިޔަކު ވެސް ކަންކުރާނީ އެ ދަރިން ބޭނުން ގޮތަކަށް. ދެން އަޅާނުލާ. " ޖަމީލާގެ ވާހަކަތަކުން، މާޔާގެ ހިތް މަރާލިއެވެ.

އެ ގެއަށް އައި ދެ ވަނަ ދުވަހު ވެސް އޭނާއަށް އާއިޒްގެ މަންމަގެ ފަރާތުން ހިތްހަމަޖެހޭ އެއްވެސް ސިފައެއް ނުފެނުނެވެ. ކުރިއަށް އޮތީ ކޮންފަދަ އިމްތިޙާނެއް ބާވައޭ މާޔާގެ ހިތަށް އެރިއެވެ.

" ކައިވެނި ކޮއްގެން ދިހަވަރަކަށް ދުވަހުގެ ޗުއްޓީއެއް ނަގަން ވެގެން މި އުޅެނީ. " އާއިޒް ބޭނުންވީ މަންމަ ދައްކާ ވާހަކަ ހުއްޓުވާށެވެ.

" އެހެންތަ؟ ތަނަކަށް ދަނީތަ؟" ޖަމީލާ އެހިއެވެ.

" ދާނަން ތަނަކަށް. އެކަމަކު އަދި ފައިނަލެއް ނުވެ ދާ ތަނެއް ދޯ މާޔާ>" އާއިޒް މާޔާއަށް ބަލައިލަމުން ބުންޏެވެ.

އެއާއެކު މާޔާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެ މަންޒަރު ބަލަން އިން ޖަމީލާއަށް ދެ ބުމަ އެއްފަހަރާ އުފުލައިލެވުނެވެ.

" ދާ ތަނަކަށް މަންމަ ވެސް ގެންދައްޗޭ. " ޖަމީލާގެ ޖުމްލައިން މާޔާގެ އިތުރުން އާއިޒް ވެސް ދިޔައީ ސިހިގެންނެވެ.

ކައިވެންޏަށްފަހު ދެމަފިރިން އެކަނި ދާ ހަނީމޫން ދަތުރުގައި ބައިވެރިވާން މަންމަ އެދިދާނެ ކަމަކަށް، ފަހަރެއްގައި ވެސް އާއިޒް ހިތަކަށް ނާރައެވެ.

( ނުނިމޭ )

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)