ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ. އަދި ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެން، އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް މާތް ﷲ ގެ މަގުގައި ޖިހާދުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހިޖުރީގޮތުން ވޭތުވި 9 ޤަރުނުގައި ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމަށެވެ. އަދި މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ވަނީ މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރެވެނީ ހިޖުރީ ސަނަތުން 548ވަނަ އަހަރު (މީލާދީން 1153ވަނަ އަހަރު) އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު ނުވަތަ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ) އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހި ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.
ރާއްޖޭގައި މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރީން 1374 (މީލާދީން 1954) ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައެވެ. އޭގެ ފަހުން 1968ވަނަ އަހަރު މި ދުވަސް ފާހަގަކުރުން ހުއްޓާލުމަށްފަހު، އަލުން މި ދުވަސް ފާހަގަކުރަން ފެށީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤްޞަދުގައި 4 މެއި 2000 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!