ދިވެހި ފުޓްބޯޅައިގެ އެންމެ ދިގު ތާރީޚެއް އޮތް ގަލޮޅު ދަނޑުގައި، ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗަށް ނިކުންނަން ބޮޑު ތިލަދުންމަތީގެ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ތައްޔާރުވެއްޖެއެވެ.
އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދިއްދޫ ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނިކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދިއްދޫ ޓީމުގެ ފުރަތަމަ މެޗާ ދިމާކޮށް، ޓީމުގެ ފަރާތުން ވަނީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކުން ވެސް ގަލޮޅު ދަނޑަށް ވަޑައިގެން ޓީމަށް ހިތްވަރު ދެއްވުމަށް ދައުވަތު ދީފައެވެ.
ދިއްދޫ ޓީމުގެ މެނޭޖްމަންޓްގެ ފަރާތުން ބުނި ގޮތުގައި، ގިނަ ގޮންޖެހުންތަކާއެކު ކުރިމަތިލައިގެން، ވަގުތާއި ހާލަތަށް ބަލައި ވަސީލަތްތައް މަދުވެފައިވީ ނަމަވެސް، ޓީމު ވަނީ ހިތްހަމަޖެހޭ ވަރަކަށް ތައްޔާރުކުރެވިފައެވެ.
"މި ދައްކަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ވާހަކަ. ދިއްދޫގައި ޖިމެއްވެސް ނެތް، އެކަށީގެންވާ ވަސީލަތެއްވެސް ނެތް. ވާދަކުރަން ޖެހެނީ ގައުމީ ލެވެލްގެ ކުޅުންތެރިންނާ،" ޓީމު ތައްޔާރުކުރުމުގައި ހުރި ދަތިތަކާ މެދު ވާހަކަދައްކަމުން ދިއްދޫ ޓީމުގެ މެނޭޖްމަންޓުން ބުނެފަވެއެވެ.
ދިއްދޫ ޓީމުން ވަނީ ބޮޑު ތިލަދުންމަތީގެ ކޮންމެ ރަށަކުން ވެސް ބޭފުޅުން ގަލޮޅު ދަނޑަށް ވަޑައިގެން ދިއްދޫ ޓީމަށް ހިތްވަރު ދެއްވުމަށް ހާއްސަ ގޮތެއްގައި އެދިފައެވެ. އަދި ދަނބު ކުލައިގެ ހެދުމެއްގައި ވަޑައިގެން ދަނޑުގައި ފޯރި ނެންގެވުމަށް ވެސް ޓީމުގެ ފަރާތުން ވަނީ ހާއްސަ ދައުވަތެއް ދީފައެވެ.
ދިއްދޫ ޓީމުން ބުނީ، ފުޓްބޯޅައިގެ ހަގީގީ ފޯރި އޮތީ ރާއްޖޭގެ އަތޮޅުތެރޭގައި ކަން ދައްކާލުމަށް، ދިއްދޫ ކުޅޭ ވަގުތު ގަލޮޅު ދަނޑުގެ ހިމޭން ފަޅުކަން ނުފެންނާނެ ކަމަށެވެ.
ދިއްދޫގެ ޓީމު ދިވެހި ޕްރެމިއާ ލީގަށް ނުކުންނަނީ އެ ޓީމު ލީގަށް ކޮލިފައިކޮށްދިން ކާމިޔާބުކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އާއެކުގައެވެ.
ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!