ސްވިމް މޯލްޑިވްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން "މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026" ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ސްވިމްމޯލްޑިވްސްގެ ވެބްސައިޓްއަށް ޒިޔާރަތްކޮށް ނުވަތަ މި ލިންކް މެދުވެރިކޮށް ވެސް ރަޖިސްޓަރ ވެވޭނެއެވެ.

ކުޅުދުއްފުށިސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ސްވިމް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ، މި ރޭހުގެ ޒަރީޢާއިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ތިބި ހުނަރުވެރި ދުވުންތެރިންނާއި ފެތުންތެރިންނަށް ތަފާތު މާޙައުލެއްގައި އަދި އައު ކުޅިވަރެއްގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ސްވިމް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތެއްގެ ތެރެއިން، ފޮޓޯ: ސްވިމް މޯލްޑިވްސް

މީގެއިތުރުން އަބަދު މާލެ ސަރަޙައްދަށް ދަތުރުކުރަން ނުޖެހި، އަމިއްލަ ސަރަޙައްދުގައި ތިބެގެން ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމުގެ ދޮރު އެތުލީޓުންނަށް ހުޅުވާލަ ދިނުމަކީ ވެސް ސްވިމް މޯލްޑިވްސްގެ އެއް އަމާޒެވެ.

މި މުބާރާތް ކުރިއަށް ދާނެ ގޮތް، ހިއްސާކުރަމުން ކުޅުދުއްފުށީސިޓީ ކައުންސިލުން ބުނީ، މި މުބާރާތުގައި އެތުލީޓުން ފުރަތަމަ ފެތުމުގެ ބައި ފުރިހަމަކުރާނީކަމަށެވެ. އެއަށްފަހު، ފަތާ ނިންމާ ގޮތަށް ބީޗުގައި ހުރެ، ބޫޓަށް އަރައިގެން ދުވުމުގެ ބައި ފުރިހަމަކުރާނީއެވެ. މުބާރާތުން މޮޅުވާނީ މި ދެ ބައި އެއްކޮށް އެންމެ އަވަހަށް ނިންމާ އެތުލީޓްކަމަށް ވެސް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އެހެންކަމުން، މި ރޭހުގައި ކާމިޔާބު ހޯދުމަށް ފެތުމާއި ދުވުމުގެ ހުނަރުވެސް އެއްވަރަކަށް މުހިންމުވެގެންދާނެކަމަށް ކުޅުދުއްފުށީސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ގިންތި (ކެޓަގަރީ)އަކަށް ބަހާލައިގެންނެވެ.

އޭގެތެރޭގައި ހިމެނެނީ:

ފުރަތަމަ ގިންތި: 'އެލީޓް' ކެޓަގަރީއެވެ. މި ބައިގައި ހިމެނެނީ 1 ކިލޯމީޓަރުގެ ފެތުމަކާއި 5 ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ މައިގަނޑު ގޮތެއްގައި ބޮޑެތި މީހުންނަށް އަމާޒުކޮށް، 15 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ބައެކެވެ. ނަމަވެސް، މި އުމުރަށްވުރެ ހަގު ކުދިންނަށްވެސް މި ގިންތީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ދެވަނަ ގިންތި: 'ސްޕްރިންޓް' ކެޓަގަރީއެވެ. މިއީ ޚާއްޞަކޮށް 15 އަހަރުން ދަށުގެ ކުދިންނަށް ފަރުމާކޮށްފައިވާ ބައެކެވެ. މި ބައިގައި ހިމެނެނީ 500 މީޓަރުގެ ފެތުމަކާއި 2.5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ގިންތީގައި 15 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވުނު ކަމުގައިވިޔަސް، ވަނަވަނަ ހޮވުމުގައި ބަލާނީ ހަމައެކަނި 15 އަހަރުން ދަށުގެ ބައިވެރިންނަށެވެ.

ތިންވަނަ ގިންތި: 'ޑިސްކަވަރ އެކުއަތުލޯން' އެވެ. މިއީ 250 މީޓަރު ފެތުމާއި 1 ކިލޯމީޓަރު ދުވުން ހިމެނޭ، ވާދަވެރިކަމެއް ނެތް ރޭހެކެވެ. މި ބައި ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންނާއި، މި ކުޅިވަރަށް މުޅިން އަލަށް ނުކުންނަ ފަރާތްތަކަށް ތަޖުރިބާއެއް ހޯދައިދިނުމަށެވެ.

އިންޑިވިޖުއަލްބައި: މި ބައިގައި ފެތުމާއި ދުވުމުގެ ބައި ފުރިހަމަކުރާނީ އެ އެތުލީޓު އަމިއްލައަށެވެ. ނަމަވެސް، ޓީމު ރިލޭ ބައިގައި ފެތުންތެރިއަކާއި ދުވުންތެރިއަކާ އެއްކޮށް ޓީމު ހަދައިގެން ބައިވެރިވެވިދާނެއެވެ. ފެތުންތެރިޔާ ފަތާ ނިންމުމުން، ދުވުންތެރިޔާ ދުވަން ފަށާނީއެވެ. ޓީމު ރިލޭ ބައިގައިވެސް ރޭހުގެ ދިގުމިންތަކާއި ޢުމުރު ފުރާތަކުގެ ވަނަތައް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިވިދިޖުއަލް ބައެކޭ އެއްގޮތަށެވެ.

ސްވިމް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: ސްވިމް މޯލްޑިވްސް

ފާހަގަ ކުރެވޭ ގޮތުގައި މިއީ، މިވަގުތު ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި މަލްޓި-ސްޕޯޓްސް އިވެންޓެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު މި މުބާރާތް ބާއްވާފައިވަނީ ކ. މާފުށީގައެވެ. ސްވިމް މޯލްޑިވްސްގެ މަޤްޞަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންނަށް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި މި މުބާރާތް ބޭއްވުމަށް ރޭވިފައިވާކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

"މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026"އާ ގުޅުން ހުރި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 9211345 ނަންބަރަށް ގުޅުއްވުމަށް ވެސް ކުޅުދުއްފުށީ ސިޓީކައުންސިލުން އެދިފައިވެއެވެ.