ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިގެން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް އާންމުންގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލުމަށް ހިންގަމުންދާ ސްކޭމެކެވެ.
ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންނެވެ. އެގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ސްކޭމް ހިންގާ ފަރާތްތަކުން މަކަރާއި ހީލަތް ހަދާ ގޮތުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރާ ކަމަށެވެ. އަދި އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރުކުރުމަށްފަހު، މެސެޖިންގ ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގ ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރެއެވެ.
އޮޅުވާލައިގެން ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް އެ މީހުން އެދެއެވެ. އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވާއިރު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ފުލުހުން ވަނީ އާންމުންނަށް ހިއްސާކޮށްފައެވެ. އެގޮތުން އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުމަށާއި، ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަށާއި، ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!