މި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

ހުތުބާގައި ބުނެފައިވަނީ ކުޑަކުދިންނަކީ މާތްﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހާ ހާލަތެއްގައިވެސް އެ މަތިވެރި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.

Ad
ooredoo

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ލިބުނު ހިތްދަތި ހަބަރުތަކުގެ ތެރޭގައި، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މައުސޫމު ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހަބަރާއި، އިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހަބަރު ހުތުބާގައި ފާހަގަކުރިއެވެ. އެ މައުސޫމު ކުދިންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި، އެ ކުދިންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމުން، ހުތުބާގައި ވަނީ ކުޑަކުދިންނަށް އިހުމާލުނުވުމަށާއި އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިން ސަލާމަތްކުރުމަށް އަންގަވާފައިވާ އިލާހީ އަމުރުފުޅުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުއާހަދާތަކާއި ގާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން، އިސްލާމްދީނުގައި ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާ ކަން ހުތުބާގައި ބުނެފައިވެއެވެ. އަދި ފަގީރުވެދާނެކަމުގެ ބިރަށް ދަރިން ނުމެރުމަށާއި، ކުޑަކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ކީރިތި ގުރުއާނުން އެނގޭއިރު، އެ ކުދިންނަށް ރައްކާތެރި، އަމާން މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވާކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ކުޑަކުދިންނަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިންކަން ފާހަގަކުރައްވައި، އާއިލާ ބިނާކުރުމުގައި ކީރިތި ރަސޫލާގެ އިރުޝާދުތަކަށް ބޯލެނބުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އެގޮތުން ކުއްޖަކު އުފަންވުމުން އިސްލާމީ ޝަހުސިއްޔަތު ބިނާވާ ފަދަ ރީތި ނަމެއް ކިއުމަކީ އެ ކުދިންގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ފާހަގަކޮށް، އުމަރުގެފާނުގެ ދަރިކަނބަލުން "އާސިޔާ" (އުރެދުންތެރި އަންހެނާ) ގެ ނަން ރަސޫލާ "ޖަމީލާ" (ރީތި އަންހެނާ) ގެ ނަމަށް ބަދަލުކުރެއްވި ހާދިސާ ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެއިތުރުން، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމުގެ މުހިންމުކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި ކުދިން ތަރުބިއްޔަތުކުރުމުގައި علم އާއި އަޚުލާގުގެ އިތުރުން ރޫހާނީ ބައި ވަރުގަދަކުރުމުގެ ބޭނުންތެރިކަން ބޮޑުކަން ފާހަގަކޮށް، ކުދިންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދުނުކުރާނަމަ އަނިޔާނުވާ ގޮތަށް އަދަބުދީގެންވެސް ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ވާޖިބެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ad
df

ކުޑަކުދިންނަށް އޯގާތެރިނުވާ މީހާއީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫންކަމަށް މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވީ ނަމަވެސް، މުޖުތަމައުގައި ކުޑަކުދިންނަށް އިހުމާލުވެ، އެއްވެސް ރަހުމެއް ނެތި ލާއިންސާނީ އަނިޔާތައް ކުރާ މީހުން އުޅޭކަމީ ހިތާމަހުރި ކަމެއްގެ ގޮތުގައި ހުތުބާގައި ފާހަގަކުރިއެވެ. މިއަދުގެ ހުތުބާ ނިންމާލާފައިވަނީ މި އުންމަތުގެ މުސްތަގުބަލު ކަމުގައިވާ ކުޑަކުދިން ރައްކާތެރިކުރައްވައި، އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި އެ ކުދިން ތަރުބިޔަތު ކުރުމުގެ ތައުފީގު ދެއްވުން އެދި ކުރެވުނު މާތް ދުއާއާއެކުގައެވެ.