ނިމުނު ހަފުތާގައި މާލެ ސަރަހައްދުން އިތުރު 17 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެ، މިއަހަރުގެ މިހާތަނަށް އެ ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 243 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ނިމުނު ހަފުތާގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެގެން ރިޕޯޓުކޮށްފައިވަނީ 10 މީހުންނެވެ. އެހެންކަމުން ވޭތުވެދިޔަ ހަފުތާގައި ފެނުނު 17 ކޭހާއެކު، ބަލިޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން މިހާތަނަށް 16،045 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވަގުތުގައި ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އަންގައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ދިނުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ.
ގައިންގަޔަށް ފަސޭހައިން އަރާ މި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިރުޝާދު ދެމުން އެޗްޕީއޭއިން ބުނީ، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންޖެހޭނެ ކަމަށެވެ. އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށްވެސް ވަނީ އެދިފައެވެ.
ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރެެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މި ބަލި ރާއްޖޭގައި ފެތުރެމުންދާތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މި ބަލި ފެންނަމުން ގޮސް، މިހާރު ދިވެހިންގެ ތެރޭގައިވެސް ބަލި ފެތުރެން ފެށުމުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ދާދިފަހުން ރާއްޖެ ހިމެނިފައިވަނީ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ ދިވެހި ޒުވާނަކުވެސް ދާދިފަހުން ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!