މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމާއި، އެ ދުވަހުގެ ބިރުވެރިކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
''ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!'' މި މައުޟޫއަށް ރާއްޖޭގެ އެކިކިސް މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހު އިންސާނާގެ ހާލަތު ހުންނާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވެ ދުނިޔޭގެ ނިމުން އަންނަ ދުވަހަކީ އިންތިހާއަށް ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެއް ކަމަށާއި، އެ ދުވަހު ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާ ފަދައިން ފެންނާނެ ކަމަށެވެ. ނަމަވެސް އެއީ މަސްތުވެފައި ތިބުމެއް ނޫން ކަމަށާއި، އެއީ ﷲގެ عذاب ގަދަފަދަކަމުން ވާގޮތެއް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
އެކަކު އަނެކަކަށް އެހީތެރިކަމެއް ނުލިބޭނެ
ދުނިޔޭގައި ބިރުވެރިކަމެއް ކުރިމަތިވާ ހިނދު އެންމެ ގާތް މީހުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް، މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެއެވެ. ހުތުބާގައި ބުނީ އެ ދުވަހުން އެންމެ ގާތް މީހުން ވެސް ފިލާނެ ކަމަށާއި، ކުޑަކުދިން މުސްކުޅިންނަށް ހަދާލާ ފަދަ ބިރުވެރިކަމެއް އެ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެ ދުވަހު އުޑު އިރައިގެން ގޮސް، ﷲގެ ވަޢުދުފުޅު ފުރިހަމަވާނެކަން ޔަޤީންވާނެ ކަމަށް ވެސް ބަޔާންކުރިއެވެ.
މި ބިރުވެރި ދުވަހުގައި މީސްތަކުން ދެބަޔަކަށް ބެހިގެންވާނެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އެއްބަޔަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ތިބޭނެ މީހުން ކަމަށާއި، އަނެއް ބަޔަކީ ބިރުވެރިކަމާއި ހިތާމައިގައި ތިބޭނެ މީހުން ކަމަށެވެ. ދުނިޔޭގައި ﷲއާއި އެކަލާނގެ ރަސޫލާއަށް އުރެދުނު މީހުން ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނެއެވެ. އެ ދުވަހުން އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ކުޅަ އަމަލުތަކަށް އޭނާގެ ގުނަވަންތައް ހެކިދޭނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ކާމިޔާބީގެ މަގަކީ ﷲއާއި ރަސޫލާދެކެ ލޯބިވުން
ޤިޔާމަތް ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ވަނީ ރަސޫލާގެ ހަދީޘްފުޅެއް ހަނދާންކޮށްދީފައެވެ. "އެ ދުވަހުން ތިބާ ވާހުށީ ތިބާ ލޯބިވާ މީހަކާ އެކުގައެވެ." މި ބަސްފުޅުން އިބުރަތް ހާސިލުކޮށް، ﷲގެ ހަޟުރަތަށް ރުޖޫޢަވުމަށް ވަނީ ގޮވާލާފައެވެ. ކުށްތަކަށް ތައުބާވެ، ފާފަތަކާ ދުރުހެލިވުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަކީ އެ ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ވަނީ ދިރުންހުރި ކޮންމެ އެއްޗަކީ މަރުގެ ރަހަ ދެކޭނެ އެއްޗެއްކަން ހަނދުމަކޮށްދީ، ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހެޔޮ އަމަލުކުރުމުގައި ހީވާގިވުމަށާއި، ނަސީބުވެރިއަކީ އެ ދުވަހުން ނަރަކައިން މިންޖުވެ ސުވަރުގެ ލިބުނު މީހާ ކަމުގައި ބަޔާންކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!