ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާކަމަށާއި، މިކަމުގައި ހުރި ގޮންޖެހުންތައް ގިރާކޮށް ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ރައީސް އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަކޮށް ގެނެސްދިން މި އެޕިސޯޑުގައި ވާހަކަދައްކަވަމުން، ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގެ މުހިންމު ބައިވެރިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒުވާނުންގެ ދާއިރާ އަކީ މި ސަރުކާރުން މައިގަނޑު އިސްކަމެއްދެވޭ އެއް ދާއިރާއިރާ ކަމަށެވެ. އަދި ޒުވާނުންނަކީ ގައުމުގެ އިގްތިސޯދު ބިނާކުރުމުގައި ގައުމުގެ އެއް ފަރާތް ކަމަށް ވިދާޅުވިއެވެ.

’’ޒުވާނުންގެ ދާއިރާ އަކީ މި ސަރުކާރުން މައިގަނޑު އިސްކަމެއްދެވޭ ދާއިރާއެއް، ޒުވާނުންނަކީ ގައުމުގެ އިގްތިސޯދު ބިނާކުރުމުގައި ގައުމުގެ އެއް ފަރާތް، ދެން، މިގޮތުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް އެބަ ކުރިއަށް ގެންދަން،’’ ރައީސް ވިދާޅުވެފަވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން އެކިއެކި ލޯނު ސްކީމް ތަކާއި، ވަޒީފާގެ ފުރުސަތުތަކާއި، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކާއި އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ ޒުވާނުންނަށް ޚާއްޞަކޮށް ފުޅާކުރަށްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރު ކުޅެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒުވާނުންގެ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތްތައް ބައްޓަންކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދާއިރު، ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށެވެ. މިއާއެކު ޒުވާނުންނަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.