އިނގިރޭސިވިލާތުގެ ލަންޑަނުގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޕްރިންސް އަބްދުﷲ ބިން ފަހަދު ބިން އަބްދުﷲ ބިން އަބްދުލްއަޒީޒް ބިން ޖަލާވީ އަލް ސައުދުގެ މަރުގެ ތަހުގީގު އިނގިރޭސިވިލާތުން ނިންމާލައިފިއެވެ.
މި މަރާއި ގުޅިގެން އިނގިރޭސި ތަހްގީގީ އިދާރާތަކުން ހިންގި ތަހުގީގުން ދައްކާ ގޮތުގައި 29 އަހަރުގެ މި ޕްރިންސް މަރުވީ މަސްތުވާތަކެއްޗާއި ރަލުގެ އޯވަޑޯޒްއެއްގެ ސަބަބުން ދިމާވި ހާދިސާއެއްގައެވެ.
ޕްރިންސް އަބްދުﷲ ފެނިފައިވަނީ 25 ނޮވެމްބަރު 2025 ގައި، ލަންޑަނުގެ ކެންސިންގްޓަންގައި ހުންނަ މެރިއޮޓް ހޮޓެލްގެ އޭނާ ހުރި ކޮޓަރީގެ ފާޚާނާ ތެރެއަށް ވެއްޓިފައި އޮއްވައެވެ. ހޮޓެލްގެ ސެކިއުރިޓީއާއި ކަމާބެހޭ ފަރާތްތަކުން ކޮޓަރިއަށް ވަނީ ހައުސްކީޕަރަކަށް އެ ކޮޓަރި ތަޅުލާފައި ހުއްޓާ ފެނިގެން ރިޕޯޓްކުރުމުންނެވެ. ނަމަވެސް ޕެރަމެޑިކުންނަށް އޭނާ ސަލާމަތެއް ނުކުރެވުނެވެ.
އިނަރ ވެސްޓް ލަންޑަން ކޮރޯނާސް ކޯޓަށް ހުށަހެޅި ހެކިތަކުން އެނގޭ ގޮތުގައި، ހޮޓެލްގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަނީ ޕްރިންސް އެކަނި ކޮޓަރިއަށް ވަޑައިގަންނަވާ މަންޒަރެވެ. ފުލުހުންގެ ތަހުގީގުން ކޮޓަރިއަށް ބަޔަކު ވަދެފައިވާ ކަމުގެ ނުވަތަ މާރާމާރީއެއް ހިނގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ވެސް ފެންނާކަށް ނެތެވެ.
ޓޮކްސިކޮލޮޖީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ޕްރިންސްގެ ހަށިގަނޑުން ގިނަ އަދަދަކަށް ރަލާއި، ޕާޓީ ޑްރަގް އެއް ކަމަށްވާ (ޖީ.އެޗް.ބީ) އާއި، މާޔޫސްކަމަށް ބޭނުންކުރާ ބޭސްތަކެއް ކަމަށްވާ ޒެނެކްސް ފަދަ ތަކެތި ފެނިފައިވެއެވެ. މެޑިކަލް އެކްސްޕާޓުން ވިދާޅުވާ ގޮތުގައި މި ހުރިހާ އެއްޗެއް އެއްވުމުގެ ސަބަބުން ހިތް ހުއްޓިގެން މަރުވީއެވެ. ޕްރިންސް އަބްދުﷲ އަކީ މީގެ ކުރިން ވެސް ރަލާއި ބޭހަށް ދެވިހިފާފައިވާތީ އިނގިރޭސިވިލާތުގެ ރިހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެސިސްޓަންޓް ކޮރޯނާ ޖީން ހާކިން މި މައްސަލަ ނިންމެވީ މިއީ "މިސްއެޑްވެންޗާ" ނުވަތަ ގަސްތުގައި ކުރި ކަމަކުން (ބޭސް ބޭނުންކުރުން) ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގެ ގޮތުގައެވެ. މި ތަހުގީގުގެ ނަތީޖާ ސައުދީ ރޯޔަލް ކޯޓާ ހިއްސާކޮށްފައިވާ އިރު، ޕްރިންސްގެ ޖަނާޒާ މިހާރު ވަނީ ރިޔާޒްގައި ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!