ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން މިއަދު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 ގައި މާލޭގައެވެ.

Ad
rt

މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންނާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ފަރާތްތަކުގެ އިތުރުން ދިވެހި ޙާފިޡުންނަށެވެ.

ބައިވެރިވުމުގެ ޝަރުޠުތައް

މި މަހާސިންތާގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޒުވާން ޚަޠީބުންގެ ޓްރޭނިންގ ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްފައިވާ ފަރާތްތަކަށާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ 30 އަހަރު ނުފުރޭ ފަރާތްތަކަށް މި ފުރުޞަތު އޮންނާނެއެވެ.

ސުންގަޑި އަދި އެޕްލިކޭޝަން

މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހަޅަންޖެހެނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޫގަލް ފޯމު ލިންކު މެދުވެރިކޮށް އޮންލައިންކޮށެވެ.

އިސްލާމިކް މިނިސްޓްރީން ދަނީ ދީނީ ދާއިރާއިން ޒުވާނުން ބިނާކުރުމަށާއި، ޚަޠީބުންގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަހާސިންތާއަކީ އެ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.