7 ޖޫން 2026 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:

" ރޮއިފަ ތި ހުރީ. މަށަށް ޔަޤީން." ލީނާ ބުންޏެވެ.

Ad
rt

" ނޫނެކޭ ބުނީމަ ދެން ޤަބޫލު ކުރަން ވީނު." ރުންކުރު ރާގަކަށް މާޔާ އެހެން ބުނުމާއެކު ލީނާއާއި ނުހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާޔާ އެ ފަދަ ގޮތަކަށް އެ މީހުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ.

" އޯކޭ އޯކޭ. ތިވަރު ކުރީމަ ދެން ޤަބޫލު ކޮއްފިން. ދެން ބުނެބަލަ! ބޭރަކަށް ނުދާނަންތަ؟" ނުހާ އެހިއެވެ.

" ނެތް ދާހިތެއް. އެހެން ނޫނަސް މިހާރު އަނދިރިވީނު." މާޔާ ބުންޏެވެ.

" މޫޑު އަންނާނީ ވެސް ބޭރަށް ނިކުމެލީމައޭ. ދެން ބަހަނާ ނުދައްކާ ހިނގާ ދާން." އަނެއްކާ ވެސް ނުހާ ބުންޏެވެ.

ނަމަވެސް މާޔާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

" މާދަމާ ރޯދަ ހިފަންޖެހޭނެ އެއްނު. ޙައްޖު ދުވަހެއްނު. މިރޭ ބޭނުމީ ރެސްޓްކޮއްލަން." މާޔާ ބުންޏެވެ.

އެއާއެކު ނުހާއަށް ލީނާގެ މޫނަށް ބަލައިލެވުނެވެ.

" ދެން ނެތެއްނު މިތާ ތިބުމެއް. ހިނގާ ދާން ލީނު." ނުހާ ތެދުވަމުން ބުންޏެވެ. ނަމަވެސް މާޔާ ހުރީ އެ މީހުން ހުއްޓުވާ ގޮތަކަށް ނޫނެވެ. ފަހުން ދިމާވާނީ ކަމަށް ބުނެ، ލީނާ މެން ދިޔައިރު ވެސް މާޔާގެ މޫނުމަތިން ހިިނިތުމުގެ އަސަރެއް ނުފެނުނެވެ.

" އޭނައަށް ކޮންމެވެސް ކަމެއް ވެއްޖެ ކަންނޭނގެ." ލީނާ ވާހަކަ ދެއްކީ ނުހާ އާއެވެ.

" ދެން ކޮންމެ ކަމެއް ވިޔަސް ބުނީމަ އެއްނު އަހަރެމެންނަށް އެނގޭނީ. އޭނަ ނުބުނާކަށްނު އެ ހުރީ. އެހެންވެ އަހަރެން މާ ސުވާލު ގިނަ ނުކުރީ. ކަލޭ ވެސް މާ އަނގަ ގަދައީ." ލީނާ ބުންޏެވެ.

" ދެން ހެވޭ. ހިނގާ ތި ގެއަށް ދާން. ޖޯލިފައްޗަށް. " ނުހާގެ އެދުމަށް ލީނާ މިސްރާބު ބަދަލުކޮއްލީ އޭނާގެ ގެއާ ދިމާލަށެވެ.

އާއިޒް އެނބުރި ގެއަށް ދިޔައިރު ވެސް ދޮންތަ އާމިރާ ހުރީ އާއިޒްގެ އިންތިޒާރުގައި ބޭރުގައެވެ. އާއިޒް ފެނުމާއެކު އާމިރާ އައި ގޮތުން، އިތުރު ޚަބަރެއް ލިބެން އުޅެނީކަން އާއިޒަށް އެނގުނެވެ. ސުވާލުގެ ނަޒަރަކުން އާމިރާގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ.

" މަންމަ ދެންމެ ގުޅައިފި. ވީހާ ވެސް އަވަހަކަށް މާލެ ދާށޯ. ދޮންތަ ބުނިން ޢީދު ނިންމާފައޭ ދެން ދެވޭނީ. އެކަމަކު ވެސް މަންމަ ކުރެއް ނުކުރި." އާމިރާ ބުންޏެވެ.

" އަހަރެން ދާނަން. ދަތުރު ތައްޔާރުކުރޭ." އާއިޒް އެހެން ބުނުމަށްފަހު އާމިރާއަށް ވުރެ ކުރިން ގެއަށް ވަންނަން ހިނގައިގަތެވެ. މަންމަދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރުން އާމިރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

ފަހަތުން ގޮސް އޭނާ އާއިޒާ ވާހަކަ ދައްކަން ފެށި އިރު އާއިޒް ހުރީ ކޮޓަރި ދޮރުމަތީގައެވެ. ހީވާ ގޮތުން އޭނާ ހުރީ އާމިރާއާ ވެސް ވާހަކަ ދައްކަން ބޭނުން ނުވެފައެވެ.

" މަންމަ ބުންޏަސް މި ފަހަރު ކޮއްކޮ ދާނެ ކަމެއް ނެތް. ދޮންތަ ބުނާނަން ކޮއްކޮ ނުފޮނުވާނަމޭ. ދޮންތައާއެކު ދެވޭނީ. ދެން މަންމަ ރުޅި އަޔަސް ރުޅި އަންނާނީ ދޮންތަދެކެ އެއްނު." އާމިރާ އަނެއްކާ ވެސް ބުންޏެވެ.

" އަހަރެން މިތާ ހުއްޓަސް ހަމަޖެހުމެއް ލިބުނަކަ ނުދޭނެ. އަހަރެން މި ބުނީ ދާނަމޭ." އާއިޒް އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަދެ އިސްޖަހާލަމުން ދޮރު ލައްޕާލިއެވެ.

އާދައިގެ މަތިން ލީނާ ސިޓިންރޫމްގައި އިނީ ޓީވީ ބަލާށެވެ. އޭރު އޭނާގެ މަންމަ ބަދިގެ ފަރާތުގައި އުޅެއެވެ. އެހެން ރޭރެޔާ ޚިލާފަށް މިރޭ މަންމަ ބަދިގެ ފަރާތުގައި މާ ގިނައިރުވާތީ ލީނާ ކުޑަކޮށް ހާސްވާގޮތް ވިއެވެ. ޓީވީ ނިއްވާލުމަށްފަހު އޭނާ ދޮރާ ދިމާލަށް ހިނގައިގަތީ ތަންކޮޅެއް ބާރަށެވެ. ބޭރަށް ބޯ ދިއްކޮއްލި އިރު ބަދިގެ ފެންޑާގެ ބޮކި ހުރީ ނިވާލާފައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

" މަންމަ ކޮންތާކަށްބާ ދިޔައީ؟ ގައިމުވެސް ގެއަކަށް ނުވަދެ. " ލީނާއަށް ހިތާހިތާ ބުނެލެވުނެވެ.

އިތުރަށް މަޑުނުކޮށް، އޭނާ ގެއަށް ވަންނަން އެނބުރިލި އޭނާގެ ކަންފަތުގައި ޖެހުނީ ވަގުތު ބަދިގެ ދޮރު ހުޅުވާލި އަޑެވެ. ހައިރާންކަމާއެކު އޭނާ އެ ދިމާލަށް ނަޒަރު ހުއްޓައިގެން ހުރީ ޖެހިލުންވެ ހުރެއެވެ. އަނދިރީގެ ތެރެއިން ބަދިގެއިން އޭނާގެ މަންމަ ނިކުތްތަން ފެނި، ލީނާގެ ހިތް އަވަސްވިއެވެ.

" މަންމާ؟" ލީނާގެ އަޑަށް ސާދުނާ ދިޔައީ ސިހިގެންނެވެ.

" ކީއްކުރަން.... ތިތާ ތި ހުރީ؟" އަވަސް އަވަހަށް ސާދުނާ ބުންޏެވެ.

" މަންމަ ގެއަށް ނައިސްގެން ކޮބައިތޯ ބަލައިލީމި. ބަދިގޭގަ މަންމަ ކީއްވެ ތި އުޅެނީ ބޮކި ނިއްވާލައިގެން؟" ލީނާ ސުވާލު ކުރި އިރު ވެސް އޭނާގެ އަޑުގައި ހުރީ ހައިރާންކަމުގެ އަސަރުތަކެވެ.

" އެއީ...އެއީ.. ބޮކި އެނދީ. އެހެންވެ ދެން ފޯނު ދިއްލައިގެން މަޑުކޮއްލީ ގަރުދިޔަ ކެކެންދެން. " ސާދުނާ ވާހަކަ ދެއްކީ އާގަންނަމުންނެވެ.

" ދެން ވަދޭ ނިދަން. ހާރުކާން ގޮވާނަން މާދަމާ ޙައްޖު ރޯދައަށް ހުންނަން ވާނެ. އަވަހަށް ދޭ ނިދަން. އަވަސް. " ސާދުނާ ލީނާގެ އަތުގައި ހިފަމުން ގެއަށް ވަނެވެ.

" އަދި މަޑުކޮއްބަލަ މަންމާ. އަހަރެން ފިލްމެއް ބަލަން ވެގެންނޭ މި އިނީ. " ލީނާ އެހެން ބުނި ނަމަވެސް ސާދުނާ ހުރީ އޭނާގެ ނިންމުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ.

" ދެން ގޮވާގޮވާ ނުތެދުވާނިއްޔޭ. ފިލްމު ބެލިދާނެ މާދަމާ ވެސް. ދާންއުޅޭ ނިދަން." ސާދުނާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ލީނާ ކޮޓަރިއަށްވަނީ ހިތްހަމަ ނުޖެހިގެން ހުރެއެވެ.

" ދެން ހަމަ އަހަރެން ގަދަކަމުން ނިންދަވަން ޖެހޭތަ؟ ކުޑަކުއްޖެއް ނޫންވިއްޔަ މީ. " ކުދިކިޔަމުން ގޮސް ލީނާ އެނދުގައި އިށީނީ ވަރަށް ބޮޑަށް ރުޅި ގަދަވެގެންނެވެ. ނަމަވެސް މަންމަދެކެ އޭނާ އަބަދުވެސް ޖެހިލުންވާތީ، މަންމަގެ ބަހަށް އިންކާރު ކުރާކަށް އޭނާއަކަށް ނުކެރެއެވެ.

ނިދިފައި އޮތް މާޔާއަށް ހޭލެވުނީ ބާރުބާރަށް ދޮރެއް ލެއްޕުނު އަޑަށެވެ. އެއާއެކު މަންމަގެ ހަޅޭކުގެ އަޑުވެސް އޭނާއަށް އިވުނެވެ. ހާސްވި ވަރުން ކޮޓަރި ދޮރު ހުޅުވަން އޭނާއަށް ދެވުނީ ވެސް ދުވަމުންނެވެ. އޭނާ ނިކުތްއިރު މާޒިން އާއި ފިރާޝާ ވެސް އެ މީހުންގެ ކޮޓަރިން ނިކުންނަނީއެވެ.

" ކަލޭ ކޮންމެވެސް ގަނޑެއް ގަންނާތީ ތިހާ ލަހުން ގެއަށް ތި އަންނަނީ." ސުވޭދާގެ ރުޅިވެރި އަޑު ބޭރުގައި ތިބި ކުދިންނަށް ސާފުކޮށް އިވުނެވެ.

އެއާއެކު މާޒިންއާއި މާޔާއަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

" މާ ބާރަށް ވާހަކަ ނުދައްކަބަލަ. ދަރިންނަށް އިވެންޖެހޭ ޒުވާބެއް ނޫނޭ މީ." ރާޒީގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
" އިއްވަންވީ ހަމަ. ކީއްވެ ނީއްވަންވީ؟ ދަރިންނަށް ވެސް އެނގެންޖެހޭނެ ބައްޕަ އުޅޭ ގޮތް. އަހަރެން ގުޅިން ބަނދަރަށް ރާޒުވާކުޅެން ދިޔަތޯ ބަލަން ވެސް. މޫސަބޭގެ ފިހާރަ ފިނިއަށީގައި އިންތޯ ބަލަން ވެސް ގުޅިން. ގާޑިޔާ ކައިރީތޯ ބަލަން ވެސް ގުޅިން. އެއްވެސް ރައްޓެއްސެއް ކައިރިއަކު ނެތް. ދެން ކޮންތާކުންހޭ ތި އައީ؟" ސުވޭދާ ބުންޏެވެ.

" ދެން ތިއީ ކޮންކަމެއް؟ އަހަރެންގެ ރައްޓެހިން ކިތަންމެ ގިނަ އިރަކު ބޭރުގައި އުޅުނަސް އެމީހުންގެ އަނބިން ނުގުޅާނެ. އަހަރެމެންނަކީ ޅަ ކުދިންނެއް ނޫންވިއްޔަ. ބޯކޮޅު ބަލަމުން އުޅޭކަށް. ކޮންކަމަކަށް ތި ޝައްކު ކުރަނީ؟ އަހަރެން ކީކޭ ނުބުނެގެން ތި އުޅެނީ؟ ނުކުރާ ކަމަކަށް އެއްބަސްވާންވީ؟ ސުވޭދާ ބޭނުންވާ ޖަވާބަކީ އަހަރެން މި އައީ ކޮންމެވެސް ހިލޭ އަންހެނެއް ކައިރިއަށް ވަދެފައޭ. އެހެންދޯ މަ ބުނަންވީ؟ ދައްކާ ވާހަކަ! ރޭގަނޑު އެކެއް ދޭއް ޖެހީމަ ދަރިން ހޭލައްވަން އަޑުގެ ކޮޅަށް ޒުވާބު ތި ކުރަނީ އަހަރެން ކީއްކޮށްގެންތަ؟" ރާޒީގެ އަޑު ވެސް މި ފަހަރު ބާރުވެއްޖެއެވެ.

" ތިއެއް މަށަށް ވެސް ނޭނގިގެންތާ މި އުޅެނީ؟ މަގޭ ފާހާނާއަށް ވަންނަ ގަޑީގައި ސެންޓު ޖަހައިގެން ރައްކާވަނީ. ހަމަ އެންމެ ރެއެއް ވެސް ނެތޭ ކަލޭ ބޭރަށް ނުދާ! " ސުވޭދާ ބުންޏެވެ.

" ދެން ތި ލަވަ ހުއްޓަބަލަ. އަހަރެން ނިދަން ވެއްޖެ." ރާޒީ ބުންޏެވެ.

ދޮރުކަނީގައި ލެނގިލައިގެން ހުރި މާޔާ، ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލީ މާޔޫސްވެ ހުރެއެވެ. އޭރު މާޒިން ވެސް އެތެރެއަށް ވަތްތާ ކިތަންމެ އިރެކެވެ. ނަމަވެސް ވާނުވާ އެނގެން ބޭނުންވާތީ މާޔާ މަޑުކޮއްގެން ހުރީއެވެ.

ޖެހިގެން އައި ދުވަހެވެ. މާޔާ ކޮޓަރިން ނިކުތީ ވެސް މެންދުރު ނަމާދުކޮއްގެންނެވެ. އޭރު ސިޓިންރޫމްގައި ހުރި ސޯފާގައި ޙަތިމެއް ހިފައިގެން އޭނާގެ މަންމަ ކިޔަވަން އިނެވެ.

" މަންމާ" ސުވޭދާއާ ދާދި ގާތުގައި އިށީންނަމުން މާޔާ ގޮވާލިއެވެ.

" ކިޔަވާ ނިމުނީތަ؟" މާޔާ އެހިއެވެ.

" ހޫމް. ކިހިނެއް ހަދަންވީ؟" ޙަތިމް ލައްޕާލަމުން ސުވޭދާ ބުންޏެވެ.

" ރޭގަ މަންމައާއި ބައްޕަގެ ޒުވާބުގެ އަޑު އަހަރެމެންނަށް އިވުނު. ބައްޕައަށް ކޮން ބަދަލެއްތަ އަންނަނީ؟" ޖެހިލުމެއްނެތި މާޔާ އެހިއެވެ.

އެ ވާހަކަ ދައްކަން ބޭނުން ނުވާ ފަދަ ގޮތަކަށް ސުވޭދާ ދެ ފަރާތަށް ބޯ ހޫރާލަމުން ސޯފާއިން ތެދުވިއެވެ.

" މައިންބަފައިންގެ މައްސަލަތަކުގެ ތެރެއަށް ދަރިން ވަނުމަކީ ރީތި ގޮތެއް ނޫން." ސުވޭދާ ބުންޏެވެ.

އެއާއެކު މާޔާ ބާރުބާރަށް ސޯފާއިން ތެދުވިއެވެ.

" އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ." މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)