ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ރާއްޖެ ގެނެސްފިއެވެ.

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން މި އުޅަނދު ހުޅުމާލޭ ބަނދަރަށް އައުމުން ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވެއެވެ.

Ad
rt

މި އުޅަނދަށް ގެނައުމުން މަރުޙަބާ ދެންނެވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.

އުޅަނދު ބަނދަރަށް ވަދެފައިވަނީ ކަނޑުމަތީގެ އާދަކާދަތަކާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާއެކު ވޯޓަރ ސެލިއުޓެއްގައެވެ.

އެމްއެންޑީއެފުން ބުނީ މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ. އަދި ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެއްކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުން ބައިވެރިވިއެވެ.