ޖޫން 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) މެމްބަރުކަމުގެ ހުވާ މިއަދު ކުރަށްވައިފިއެވެ.

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރަށްވައިފިއެވެ.

Ad
rt

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސޯބެ އަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދެވެ.

ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވުން، ފޮޓޯ: މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

ޖޫން 6 ގައި އޮތް ބައި-އިލެކްޝަންގައި ސޯބެ އާއި ވާދަކުރެއްވީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސޯބެ އަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ސޮޑާއަށް ލިބުނީ 1،313 ވޯޓެވެ.

ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ ގޮނޑީގެ ޢަދަދު 12 އަށް އެރީއެވެ. މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދަކީ 74 އެވެ. ދެން ތިއްބަވަނީ އެމްޑީއޭގެ ދެ މެމްބަރަކާއި، ޖޭޕީގެ މެމްބަރަކާއި، އެމްއެންޕީގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.