ކުޑަކުދިންނަށް ޙަޤީޤީ ރައްކާތެރިކަން ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށެވެ. އެކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ރައްކާތެރިކަން ފެނިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމުގައި ފާހަގަކުރައްވާ، މުޖުތަމަޢުތަކުން އަބަދުވެސް ފާރަވެރިވެ ތިބުމަށާއި، ކުދީންގެ ވާހަކަތައް ކަނުލާ އެހުމަށާއި، ކަންބޮޑުވުމެއް އުޅޭނަމަ އެކަމަކަށް ފިޔަވަޅު އެޅުމަށް ސާޖިދާ ބާރުއެޅުއްވިއެވެ. އަދި ކުދީންގެ އަޑުއަހާ، އެކުދީން ބަލައިގަނެ، އެކުދީންގެ އަގުވަޒަންކުރުމާއިއެކު ލޯބިދޭ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، މުޖުތަމަޢުގެ އަފްރާދުންނަށް އެކަމަނާ ގޮވާލެއްވިއެވެ.

ޑިޖިޓަލައިޒޭޝަނުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި ގުޅުން ބަދަހިކުރުމަށް ފުރުޞަތު ލިބުނު ނަމަވެސް، ފާރަވެރިވެ ތިބުމާއި ހޭލުންތެރިކަމަށް ލާޒިމުކުރާ ފަދަ ހިރާސްތަކެއް އެކަމުގައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. "ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް،" ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކަށް ވެސް ފަސްޓް ލޭޑީ އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028" އާއި، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. މީގެއިތުރުން، އުމުރުން 16 އަހަރުން ދަށުގެ ކުދިން ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމުންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.