އަރުމީނިއާގެ ޤާނޫނު ހަދާ މަޖިލިސް (ނޭޝަނަލް އެސެމްބްލީ) ގެ ޖަލްސާއެއްގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު މެންބަރުންގެ މެދުގައި ބޮޑު ތަޅާފޮޅުމެއް ހިނގައި، ގޮނޑި އުކައި، މޭޒުތައް ވައްޓާލައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ޒަޚަމްވެއްޖެއެވެ.
ވެރިރަށް ޔެރެވަންގައި ހުންނަ މަޖިލިސް އިދާރާގައި ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަކީ މި މަހުގެ ތެރޭގައި އެ މަޖިލީހުގައި ހިނގައިދިޔަ މިފަދަ ދެވަނަ ކުރިމަތިލުމެވެ.
މި ކުރިމަތިލުން ހިނގާފައިވަނީ ބޮޑުވަޒީރު ނިކޮލް ޕަޝިނިޔަންގެ ވެރިކަންކުރާ "ސިވިލް ކޮންޓްރެކްޓް" ޕާޓީގެ މެންބަރުންނާއި އިދިކޮޅު "ސްޓްރޯންގް އަރުމީނިއާ" ފެކްޝަނުގެ މެންބަރުންގެ ދެމެދުގައެވެ. މަޖިލީހުގެ ލައިވް ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި މެންބަރުން އެކަކު އަނެކަކަށް ގޮށްމުށުގެ ހަމަލާދީ، ކޮޅުފައިން ޖަހައި، ގޮނޑި އުކައި ހަދާފައިވެއެވެ. މީގެއިތުރުން މަޖިލީހުގެ ނައިބު ރައީސް ވަހާގްން އަލެކްސަންޔާން އިދިކޮޅު މެންބަރުންނާ ދިމާއަށް ގޮނޑިއެއް އެއްލި މަންޒަރު ފެނިފައިވާއިރު، ވެރިކަންކުރާ ޕާޓީގެ މެންބަރު ތަރޯން ޗަޚޮޔާން ވަނީ އިދިކޮޅު މެންބަރު ގާރނިކް ދަވްތިޔާންގެ ގަޔަށް ފެން ޖަހާފައެވެ.
ހަމަނުޖެހުން މުޅި މަޖިލިސް ތަޅުމަށް ފެތުރިގެން ދިޔުމާއެކު ގިނަ އަދަދެއްގެ މެންބަރުން ބިމަށް ވެއްޓިފައިވެއެވެ. އަދި މި ކުރިމަތިލުން މަޖިލީހުގެ މައި މާލަމުން ބޭރަށް، ކޮރިޑޯތަކަށް ވެސް ފެތުރިގެން ދިޔުމުން ސަލާމަތީ އޮފިސަރުން ވަނީ ތަޅުމަށް ވަދެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އަނިޔާވި މެންބަރުންނަށް ފަރުވާ ދިނުމަށް އެމްބިއުލާންސެއް މަޖިލީހަށް ގެނެވުނުއިރު، އިދިކޮޅު މެންބަރު އަންދްރަނިކް ގެވޯރްގްޔާންގެ ނޭފަތުން ލޭއައިސް، އަދި އިތުރު ބައެއް މެންބަރުންގެ ހެދުން ވީދިފައިވެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ދައުލަތުގެ ޚަރަދުތައް ބަލަހައްޓާ އޮޑިޓް ޗެމްބަރަށް މީހަކު އައްޔަންކުރުމާ ގުޅޭގޮތުން ބަހުސް ކުރަމުން ދަނިކޮށެވެ. އިދިކޮޅު މެންބަރުން ކުރި ޚިޔާނާތުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ޗަޚޮޔާން ވަނީ އިދިކޮޅު ލީޑަރު ނަރެކް ކަރަޕެޓްޔާންގެ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އަންހެނުންނަށް ވަކި ވުޒާރާއެއް އުފެއްދުމާ ގުޅޭގޮތުން ކަރަޕެޓްޔާންގެ ދެބެންގެދެދަރި މީހަކު މީގެކުރިން ދެއްކި ވާހަކައަކަށް އިޝާރާތްކޮށް، އެކަމަށް މައާފަށް އެދިފައިނުވާތީ ޗަޚޮޔާން ފާޑުވިދާޅުވިއެވެ. މިކަމާ ގުޅިގެން ކަރަޕެޓްޔާން އިންނެވި ގޮނޑިން ތެދުވެވަޑައިގެން ރައްދުދެއްވައި ޕޯޑިއަމާ ދިމާއަށް ވަޑައިގަތުމުން، މަސްލަހަތު ގޯސްވެ ދެފަރާތުގެ މެންބަރުންގެ މެދުގައި މާރާމާރީއަކަށް ބަދަލުވީއެވެ.
މަޖިލީހުގެ ތެރޭގައި ނުތަނަވަސްކަން އުފެދިގެން ދިޔަ ވަގުތު، މަޖިލީހުގެ ރައީސް ރުބެން ރުބިނިޔާން ފުރަތަމަ ދެކޮޅު ހެއްދެވީ ޖަލްސާ މެދުކަނޑާލުމަށެވެ. ރުބިނިޔާން ވިދާޅުވީ، "އަހަރެން ގަސްދުގައި މި ޖަލްސާ މެދުނުކަނޑާ މި ބަހައްޓަނީ އެންމެންނަށް މި މަންޒަރު ފެންނަން ވެގެން. މިގޮތަށް ޖަލްސާ ކުރިއަށްދާނީ. އެންމެންނަށް ފެންނަން ދޫކޮށްލާ،" ކަމަށެވެ. ނަމަވެސް 10 މިނެޓަށް ވުރެ ގިނައިރު ވަންދެން ހަމަނުޖެހުން ދެމިގެން ދިޔުމުން، ރުބިނިޔާން ވަނީ ޖަލްސާ މެދުކަނޑާލައްވައި ސަލާމަތީ އޮފިސަރުން ވެއްދުމަށް އަންގަވާފައެވެ.
އެއް ގަޑިއިރުގެ މެދުކެނޑުމަކަށްފަހު އަލުން ޖަލްސާ ފެށުމުން، މަޖިލީހުގެ ރައީސް ރުބިނިޔާން ވަނީ ހަމަނުޖެހުމުގެ ޒިންމާ އިދިކޮޅު ލީޑަރު ކަރަޕެޓްޔާންގެ ބޮލުގައި އަޅުވައި، ޗަޚޮޔާނަށް ރުޅިއަރުވައި ހަމަނުޖެހުމަށް މަގުފަހިކުރީ އޭނާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންނަމަވެސް އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ރައީސް ކުރިން ޖަލްސާ މެދުކަނޑާލައްވައި ސަލާމަތީ އޮފިސަރުން ވެއްދިނަމަ މެންބަރުންނަށް ލިބުނު އަނިޔާތަކުން ސަލާމަތްވެވުނީސް ކަމަށް ބުނެ، ރައީސް ރުބިނިޔާން އިހުމާލުވި ކަމަށް ތުހުމަތުކޮށްފައެވެ.
މި ހަމަނުޖެހުން ހިނގާފައި މިވަނީ މަޖިލިސް މެންބަރުންގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމަށް އަލަށް އެކުލަވާލި ޤަވާއިދުތަކަށް މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މަޖިލީހުގެ ވަގުތީ އެތިކްސް ކޮމިޓީން އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ވަނީ މެންބަރުން މަޖިލީހުގެ އިޖުރާއާތުތަކަށް އިޙްތިރާމްކުރުމަށާއި ސިޔާސީ ވާދަވެރިންނަށް ޤަދަރުކުރުމަށް ބާރުއަޅާ އަށް އުސޫލެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އޭގެ އަނެއް ދުވަހު، އޮކްޓޯބަރު 6 ގައި ވެސް ދައުލަތުގެ ފައިސާއާއި މެންބަރުންގެ އިނާޔަތްތަކާ ގުޅޭގޮތުން ހިނގި ޒުވާބެއްގައި ހަމަނުޖެހުން ހިނގައި ޖަލްސާ މެދުކަނޑާލަން ޖެހުނެވެ. މި މަހުގެ ތެރޭގައި ހިނގި މި ދެވަނަ ކުރިމަތިލުމާއެކު، އަލަށް އެކުލަވާލި އަޚްލާޤީ ޤަވާއިދުތަކުން މަޖިލީހުގެ ތެރޭގައި ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!