މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބުނު މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ.

Ad
rt

އެ މައްސަލާގައި ހައި ކޯޓުން ނިންމީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށްފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ވަނީ ޝަރީއަތް ފެށުމަށްފަހު އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ހުކުމާ ހިސާބަށް ދިޔައިރު, އެ މައްސަލަ ކޯޓުގައި އޮތުމުން ހޮވުނު ޕީއެންސީ ކެންޑިޑޭޓް މިހާތަނަށް މަގާމުގެ ހުވާ ކޮށްފައެއް ނުވެ އެވެ.