އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ.

އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމިރަލް ބްރެޑް ކޫޕަރާއެކު ބޭއްވި މި ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭންގެ އިތުރުން ކެބިނެޓުގެ އެހެން ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
d

ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގެ ކުރިން، އަސްކަރީ އިސް އޮފިޝަލުންނާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ ދެމެދު ބުދަ ދުވަހުވެސް ވައިޓް ހައުސްގައި މިފަދަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ވައިޓް ހައުސްގައި މި މަޝްވަރާތައް ކުރިއަށް މިދަނީ، މި އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ބޮމުގެ ހަމަލާތަކަށްފަހު، އީރާނާ ދެކޮޅަށް ކުރިއަށްގެންދާނެ އަސްކަރީ އައު ކެމްޕޭނަކާ މެދު ޓްރަމްޕްގެ ސަރުކާރުން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.

އެ ރިޕޯޓުގައި ވާގޮތުން، ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން ވަނީ މެދުއިރުމަތީގެ ސަރަހައްދުގައި އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުތަކާއި، ހަތިޔާރާއި، އެހެނިހެން އަސްކަރީ ސާމާނު އިތުރުކޮށްފައެވެ. އަދި އީރާނުން ދީފާނެ ބަދަލުހިފުމުގެ ހަމަލާއެއްގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ބައެއް އަސްކަރީ މަރުކަޒުތަކުން އެމެރިކާގެ ބައެއް ސިފައިން ދުރަށް ޖައްސާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

Ad
df

މި ބައްދަލުވުމާއި މަޝްވަރާތަކާ ގުޅިގެން ވޯލް ސްޓްރީޓް ޖާނަލް އިން ސުވާލުކުރުމުން، ޕެންޓަގަންގެ ތަރުޖަމާނަކާއި ސެންޓްކޮމްގެ ތަރުޖަމާނަކު ވަނީ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ދެކޮޅު ހައްދަވާފައެވެ.