ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްތަދަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

Ad
rt

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު މި ބެޗުގައި ދަސްވެނިވި ދަރިވަރުންގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެން ބައިވެރިންނާއި 63 އަންހެން ބައިވެރިންނެވެ. އުމުރުގެ ގޮތުން ބަލާއިރު 18 އަހަރުން ދަށުގެ 113 ކުދިން ހިމެނޭއިރު، 18 އަހަރުން މަތީގެ 230 ބައިވެރިން ވަނީ މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. މި ޕްރޮގްރާމް ފަށާފައިވަނީ 350 ބައިވެރިންނާއެކުގައެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ތަފާތު ދާއިރާތަކުން ސެޓްފިކެޓްތައް ދީފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް، އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމުގެ ސެޓްފިކެޓްތައް ހިމެނެއެވެ.

މި ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ބަހުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. މީގެ އިތުރުން ހަށިހެޔޮކަމުގެ ކަސްރަތުތަކާއި، އަޚްލާޤު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތަކާއި، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނުގެ މައުލޫމާތުތައްވެސް ވަނީ ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމުގެ ދެވަނަ ބުރުން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ނޫން ދަރިވަރުންނަށް، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިއީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގެންނެވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.