އިންޑިއާގެ ކަރުނާޓަކާގެ ސްކޫލުތަކާއި ކޮލެޖުތަކުގައި ބުރުގާ އާއި ދީނީ ރަމްޒުތައް ބޭނުންކުރުން މަނާކޮށް 2022 ވަނަ އަހަރު ނެރުނު އަމުރު އެސްޓޭޓުގެ ސަރުކާރުން ބާތިލުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު (13 މޭ) ކަރުނާޓަކާ ސަރުކާރުން ނެރުނު އާ ސާކިއުލާއެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބުރުގާ މަނާކޮށް ނެރުނު އަމުރު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޔުނީފޯމާއެކު ދަރިވަރުންގެ ދީނީ އަދި ސަގާފީ ރަމްޒުތައް ކަމަށްވާ ބުރުގާ، ފަގުޑި، ރުދްރަކްޝާ ފަދަ ތަކެތި ބޭނުންކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.
ކަރުނާޓަކާގެ ސްކޫލް އެޑިއުކޭޝަން އެންޑް ލިޓަރަސީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ނިންމުމަކީ ތައުލީމީ މުއައްސަސާތަކުގައި ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއް ގާއިމުކުރުމަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސެކިއުލަރިޒަމްގެ މާނައަކީ ވަކިވަކި ފަރުދުންގެ ދީނީ ގަބޫލުކުރުންތަކާ ދެކޮޅުވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ހުރިހާ ދީންތަކަށް ހަމަހަމަ އިހުތިރާމް އަދާކުރުމާއި، ތަފާތުކުރުމެއް ނެތް އުސޫލުތަކެއް ގެންގުޅުމެވެ.
2022 ވަނަ އަހަރު ބުރުގާ މަނާކުރުމާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދިޔައެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ކަރުނާޓަކާގެ ހައިކޯޓުން ނިންމާފައިވަނީ ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމުކުރާ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީގެ 25 ވަނަ މާއްދާގެ ދަށުން ހިމާޔަތް ލިބިގެންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، ދެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެ، މައްސަލަ ވަނީ ބޮޑު ބެންޗަކަށް ފޮނުވާފައެވެ.
އާ ސާކިއުލާގައިވާ ގޮތުން، ބުރުގާ ފަދަ ދީނީ ރަމްޒުތައް ބޭނުންކުރާ އެއްވެސް ދަރިވަރަކަށް ސްކޫލަށް ވަނުމާއި، އިމްތިހާނުތަކުގައި ބައިވެރިވުމާއި، އަދި އެހެނިހެން ތައުލީމީ ހަރަކާތްތަކުން މަހްރޫމެއް ނުކުރެވޭނެއެވެ. އަދި އެފަދަ ތަކެތި ބޭލުމަށް އެއްވެސް ދަރިވަރަކަށް މަޖުބޫރު ނުކުރުމަށާއި، ދަރިވަރުންނަށް އިހާނެތިކޮށް ނުހިތުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ. ނަމަވެސް، ގައުމީ ފެންވަރުގެ އިމްތިހާނުތަކުގައި ވަކި ޚާއްޞަ ޔުނީފޯމް ކޯޑެއް އޮންނަ ނަމަ، އެ އުސޫލުތަކަށް އަމަލުކުރެވިދާނެ ކަމަށްވެސް އަމުރުގައިވެއެވެ.
ކަރުނާޓަކާ ސަރުކާރުގެ މި ނިންމުމާއެކު، 12 ވަނަ ގަރުނުގެ އިޖުތިމާއީ އިސްލާހުވެރިޔާ ބަސަވަންނާގެ "އިވާ ނަންމަވޭ" (އެއީ އަހަރެމެންގެ ބައެއް) މި ފަލްސަފާ ނަމޫނާއަކަށް ބަލައިގެން ކުރިއަށްދިއުމަށް ތައުލީމީ މުއައްސަސާތަކަށް ވަނީ އިރުޝާދު ދީފައިކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!