ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މި ޖާފަތުގައި ގޮވާލެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު ކުރިއަށްދަނީ މި މޭ މަހުގެ 3 އިން 6 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!