ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހެޅި 14 ނުކުތާގެ ހުށަހެޅުމަށް އެމެރިކާއިން ދިން ޖަވާބު ލިބިފައިވާ ކަމަށާއި، އެ ޖަވާބު މިހާރު ދިރާސާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަގާއީ ވަނީ އެމެރިކާގެ ފަރާތުން ލިބުނު ޖަވާބު ދިރާސާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ނިންމާގޮތެއް ޕާކިސްތާނު މެދުވެރިކޮށް އާންމުކުރާނެކަމަށް ބުނެފަވެއެވެ.
"އެމެރިކާގެ ފަރާތުން ލިބުނު ޖަވާބު އަޅުގަނޑުމެން މިދަނީ މުރާޖައާ ކުރަމުން، އަދި ވަކި ގޮތެއް ނިމުމުން ޕާކިސްތާނުގެ މެދުވެރިކަމާއެކު އަޅުގަނޑުމެންގެ ނިންމުން ހާމަކުރާނަން،" ބަގާއީ ވިދާޅުވެފަވެއެވެ.
ނަމަވެސް، އެމެރިކާއިން ހުށަހަޅާފައިވަނީ ބުއްދިއަށް ގަބޫލުނުކުރެވޭ ފަދަ އިންތިހާ ދަރަޖައިގެ ޑިމާންޑްތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން ބަގާއީ ވިދާޅުވީ، މިވަގުތު އީރާނުގެ ހަމައެކަނި އަމާޒަކީ ހަނގުރާމަ މުޅިން ހުއްޓާލުން ކަމަށެވެ. އަދި ނިއުކްލިއާ މާއްދާތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަމައެކަނި އަންދާޒާތަކެއް ކަމަށާއި، ކުރިއަށްދާނެ މިސްރާބު ކަނޑައަޅާނީ މުސްތަގުބަލުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ރައްދު ހަމަލާދީ، ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭގެ ފަހުން އޭޕްރިލް 13 އިން ފެށިގެން އެމެރިކާއިން ދަނީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތުގެ ތެރެއިން، ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރިލް 8 ގައި ދެ ހަފުތާގެ ސުލްހައިގެ އެއްބަސްވުމެއް އިއުލާނުކުރެވުނެވެ. އަދި އޭޕްރިލް 11 ގައި އިސްލާމްއާބާދުގައި ސީދާ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ދާއިމީ ސުލްހައަކަށް އެއްބަސްވެވިފައެއް ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުގެ އެދުމުގެ މަތިން، ވަކި މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!