މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ޢަދުލުވެރި ސިޔާސަތުތަކެއް ކަނޑައަޅައިގެން ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ރުކުނެއް ކަމަށެވެ.

Ad
rt

ހުނަރުވެރި ޖީލެއް ބިނާކުރުމާއި ވަޒީފާގެ ފުރުޞަތުތައް

މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކުރުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ފަންނާއި ހުނަރު ކުރިއެރުވުމަށްޓަކައި ހިލޭ އެހީއާއި ލުއި ލޯނުގެ ފުރުޞަތުތައް އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 'ދިވެހި ވަޠަނީ ޚިދުމަތް' ފަދަ ތަމްރީނުތައް މެދުވެރިކޮށް ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންދާކަންވެސް ބަޔާންކުރެއްވިއެވެ.

ޝާމިލުވާ އިޤްތިޞާދަކަށް ކުރެވޭ މަސައްކަތްތައް

ސަރުކާރުގެ ސިޔާސަތުގެ ދަށުން ޚާއްޞަ އަހަންމިއްޔަތެއް ދީގެން ޖަލުގައި ތިބޭ ޤައިދީންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ޢުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަން އެމަނިކުފާނު ފާހަގަކުރަށްވާފައިވެއެވެ.

އިޤްތިޞާދީ ކުރިއެރުމާއި ބިދޭސީ މަސައްކަތްތެރީންގެ އުޞޫލުތައް

ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި ސަރުކާރާއި އަމިއްލަ ދާއިރާއިން 23,000 އަށްވުރެ ގިނަ އައު ވަޒީފާ ވަނީ އުފައްދާފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ފައްތައި، ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، ދިވެހިންނަށް ނޫނީ ނުކުރެވޭނެ މަސައްކަތްތަކާއި ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޛުކުރަން މިހާރު ވަނީ ފަށާފައެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ 2045 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި، ހުރިހާ ދިވެހިން މަސައްކަތުގެ މައިދާނަށް ނުކުމެ އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ އީ-ކޮމާސް މަންސަތައް މެދުވެރިކޮށް ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.