ދުނިޔޭގެ ކުރެހުންތެރިންގެ ދުވަހާ ގުޅުވައިގެން ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތް ނިންމައި، މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމު ދީފިއެވެ.

މި މުބާރާތަކީ ކުދިންގެ މެދުގައި ކުރެހުމުގެ ހުނަރު ކުރިއެރުވުމުގެ މަގުސަދުގައި ބޭއްވުނު މުބާރާތެކެވެ.

Ad
rt

ޖުމްލަ 38 ކުދިން ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ އޮތީ 2026 އެޕްރީލް 29 ވަނަ ދުވަހުގެ ރޭ ނެއްލައިދޫ ޕްރީ ސްކޫލުގައެވެ.

މި މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ ޔުމްނު ބިންތް އާދަމް ސައީދު އެވެ. އަދި 11 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ އަލްޔާ ބިންތް އަލީ ނިޒާރު އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު އިލްހާމް ވަނީ ކުދިން ސްކްރީނަށް ހޭދަކުރާ ވަގުތު މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވަނީ ބޭކާރު ކަންކަމުގައި ވަގުތު ނަގާނުލައި، އައު ހުނަރުތައް ދަސްކުރުމަށް ހުރިހާ ކުދިންނަށް އިލްތިމާސްކުރައްވާފައެވެ.

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިބުރާހިމްވެސް ވަނީ މި ހަފްލާގައި ބައިވެރިންނާ މުޚާތަބު ކުރައްވާފައެވެ. އޭނާގެ ވާހަކާގައި ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް ފުލުހުންގެ ފަރާތުން ދެވޭ އެއްބާރުލުން ފާހަގަކުރައްވައި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ނެއްލައިދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މިއީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ކުޑަކުދިންނަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.