މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އެންމެ ރަނގަޅަށް ސާފުކޮށްދެވިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ވޯޓު ނާކާމިޔާބުވި ސަބަބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވޯޓު ނާކާމިޔާބުވީ ސަބަބުތަކުގެ ތެރޭގައި ޕީއެންސީގެ މުޅި ކެމްޕޭން ޓީމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުން ހިމެނޭ ކަމަށެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ އޭގެ ފައިދާ ރައްޔިތުންނަށް އޮތް ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް ގެއްލުމެއް ނެތް ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ޓީމުތަކަށް އެކަން އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ބުނެދެވިފައި ނުވާކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޯޓު ނެގި ރޭވެސް އެމަނިކުފާނު ވަނީ ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަންނަކަން ހާމަކުރައްވާފައި ކަމަށެވެ. އަދި މިހާރު ރައްޔިތުން ނިންމާފައިވާ ގޮތަށް، ޤާނޫނުގައި އޮތް ގޮތުގެ މަތިން ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
''ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުގެ ނަތީޖާ އަށްފަހު އަޅުގަނޑު ހަމަ އެރޭ ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަންނަކަމަށް އެރޭ ބުނެފަވާނެ، އަދި ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެންނަމުންދާނެކަން، އާދެ، އެ ދުވަހުގެ ވޯޓުގައި މި ދެންނެވި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމުމުގައި އެކި ސަބަބުތަކާހެދި އެ ވޯޓު ނާކާމިޔާބުވެެގެން ދިޔައީ، އެކަން ވަރަށް ތަފްސީލްކޮށް އަޅުގަނޑުބެލިން، ބެލިއިރު ނާކާމިޔާބުވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ފަރާތުން، މިދެންނެވީ ޕީއެންސީގެ މުޅި ކެމްޕޭން ޓީމުގެ ވާހަކަ މި ދައްކަނީ، ޕީއެންސީގެ ހުރިހާ ކެމްޕޭން ޓީމުތަކުގެ ވާހަކަ، އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ އެކަމަކަށް، އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަށް ނެތް ކިޔައިދެވިފައެއް ރައްޔިތުންނަކަށް، ކެމްޕޭން ނިންމި ދުވަހު އަޅުގަނޑު މަސައްކަތްކުރިން ވަރަށް ކުރުކުރުކޮށް މުޅި މައުލޫ ކިޔައިދެވޭތޯ،'' ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ އިސްލާހީ ބަދަލުތަކާ އެކުގައި ކަމަށެވެ.
''އަޅުގަނޑު އެދެން ސަޕޯޓަރުންގެ ކިބައިން އެދުވަހު އަޅުގަނޑުދެއްކި ވާހަކަ ރިވައިންޑްކޮށް ބަލައިލަން، ވަރަށް ކުރުކުރުކޮށް އަޅުގަނޑު ކިޔައިދިނިން ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން އަޅުގަނޑު ހުށަހެޅި ސަބަބު، އެއިގައި ހުރީ ހުސްފައިދާ، އެއްވެސް ގެއްލުމެއްނެތް، އެއީ އެހާ ސާފުކޮށް ފެންނަން އޮތްކަމެއް، އެހެންނަމަވެސް އަޅުގަނޑުމެންނަށް ރައްޔިތުންނަކަށް އެކަށީގެންވާގޮތަށް މިކަން ކިޔައިދެވިފައެއްނެތް، އަޅުގަނޑުމެން އެބަޖެހޭ، މިދެންނެވީ ޕީއެންސީގެ ވާހަކަ، އަޅުގަނޑުމެންގެ ޓީމުތަކަށް އެހާރަނގަޅަށް އެ މަސައްކަތް ކުރެވިފައެއްނެތް، އެހާ ސާފުކޮށް، އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި، އެހެންނަމަވެސް އެކަން އެ ނިމުނީ އެ ހިސާބުން، ރައްޔިތުން އެ އޮތީ ގޮތް ނިންމާފައި، ދެން މިހާރު ރައްޔިތުން ނިންމި ގޮތަައް ކުރިއަށް ދާނީ، އެއަށް އެއްވެސް ބަދަލެއް ނާންނާނެ، ގާނޫނުގައި އޮތް ގޮތަށް އެކަން ކުރިއަށް ދާނީ'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!