ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހަތުރުންގެ މެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތައް ބަލިކުރުމަށް ތެހެރާނުގެ ކަނޑުގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ ހޮނިހިރު ދުވަހު އިންޒާރު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ސިލްސިލާ ޕޯސްޓްތަކެއްގައި ޚާމަނާއީ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ޑްރޯންތަކުން އެމެރިކާ އާއި "ޒަޔަނިސްޓް ގާތިލުންނަށް" ވިދުވަރެއް ފަދައިން ހަމަލާދޭ ފަދައިން، އެ ގައުމުގެ ކެރޭ ކަނޑުގެ ސިފައިން ވެސް ތިބީ ދުޝްމަނުންނަށް އާ ހިތި ނާކާމިޔާބީތަކެއް ކުރިމަތިކުރުވަން ތައްޔާރަށް ކަމަށެވެ.
މި އިންޒާރު ދެއްވާފައިވަނީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން އަލުން ބަންދުކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ އަސްކަރިއްޔާއިން މިހާރު ވަނީ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ބުނެ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އިންޒާރު ދީފައެވެ. ޝިޕިންގ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރަން އުޅުނު މަދުވެގެން ދެ އުޅަނދަކަށް މިހާރުވެސް ވަނީ ހަމަލާދީފައެވެ.
ޚާމަނާއީ އިތުރަށް ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާ އޮތީ އެހެން ހަތިޔާރު އެޅި ބާރުތަކުގެ އެކުވެރިންނާ ގުޅިގެން "ކުފުރާއި ބޮޑާކަމުގެ" އިސް ދެ ފައުޖާ ދެކޮޅަށް ހަނގުރާމަކުރުމުގައި ކަމަށެވެ.
"އިސްލާމީ އަސްކަރިއްޔާއިން ވަނީ އެ ފައުޖުތަކުގެ ބަލިކަށިކަމާއި ނިކަމެތިކަން ދުނިޔެއަށް ހާމަކޮށްދީފައި،" އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ނުތަނަވަސްކަން އިތުރުވުން
ތެހެރާނުން އަލުން ދޭން ފެށި މި ހަރުކަށި އިންޒާރުތަކާއެކު، ކަނޑުއޮޅި މެދުވެރިކޮށް ތެލާއި ގޭސް ފޮނުވުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނާއެކު "ވަރަށް ރަނގަޅު ވާހަކަތަކެއް" ދައްކަމުންދާ ކަމަށާއި، ނަމަވެސް ތެހެރާނުން ބޭނުންވަނީ އަލުން ކަނޑުއޮޅި ބަންދުކުރަން ކަމަށެވެ.
އީރާނަށް އެމެރިކާ "ބްލެކްމެއިލް" ނުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ބުނެފަވެއެވެ.
މެރިޓައިމް ސެކިއުރިޓީ މަސްދަރުތަކުން ބުނާ ގޮތުގައި، ބައެއް ވިޔަފާރި އުޅަނދުތަކަށް އީރާނުގެ ކަނޑުގެ ސިފައިންގެ ފަރާތުން ރޭޑިއޯ މެސެޖުތަކެއް ލިބިފައިވެއެވެ. އެ މެސެޖުތަކުގައި ބުނެފައިވަނީ އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރުނުކުރެވޭނެ ކަމަށެވެ.
މި މައްސަލައިގައި އީރާނުގެ އަސްކަރީ ކޮމާންޑުން ބުނީ، އެމެރިކާއިން ތަކުރާރުކޮށް އުސޫލުތަކާ ޚިލާފުވަމުންދާ ކަމަށާއި، ބްލޮކޭޑެއްގެ ނަމުގައި "ކަނޑުފޭރުމުގެ" އަމަލުތައް ހިންގަމުންދާތީ، ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން އީރާނުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައީ ކަމަށެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ޕާކިސްތާނުގައި ކުރި މަޝްވަރާތައް މިދިޔަ ހަފްތާ ބަންދުގައި ނިމުނީ އެއްވެސް ނަތީޖާއެއް ނުނިކުމެއެވެ.
ޓްރަމްޕް ވަނީ ބުދަ ދުވަހުގެ ކުރިން ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަގުތީ ގޮތުން ހުއްޓާލާފައިވާ ހަނގުރާމަ އަލުން ފަށައި، އީރާނުގެ ބަނދަރުތައް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!