ހދ. ހަނިމާދޫ ބިމެއް ސާފުކުރަމުން ދާތީ އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާކަމަށާއި އެހެންވެ އެކަން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

އެ ބިމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ހިރިމަރަދޫ މީހުންނަށް ގޯތިދީ، ގެ އެޅުމަށް ސާފުކުރަމުންދާ ބިމެކެވެ.

Ad
rt

އެ ބިން ސާފުކުރަމުންދާ މަންޒަރުފެންނަ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު މިއަދު ވަނީ މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށްވައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. އެ ޕޯސްޓުގައި ފިރާގު ވިދާޅުވެފައިވާގޮތުގައި އެ މަސައްކަތް ކުރާއިރު ކައުންސިލުގެ އެއްވެސް ހުއްދައެއް އަދި އެންގުމެއްނެތް ކަމަށެވެ. އަދި ރައްޔިތު ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދީ، އަދި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް، އަދި ކޯޓު އަމުރެއްގެ ދަށުން ބަންޑާރަ ގެއަކަށް ބަދަލު ދީފަ އޮތްތަނަކުން ފެށިގެން މި މަސައްކަތް ކުރާތީ މިކަން ވާނީ މި މަސައްކަތް ކުރާ ފަރާތަށް ވަގުތުން ހުއްޓާލަން އަންގާފައިކަމަށް ފިރާގް ވިދާޅުވެފައެވެ.

''މިކަން ކުރަމުން މި ދަނީ ލޭންޑްޔޫސް ޕްލޭނާވެސް ހިލާފަށް، އަދި ރައްޔިތުންގެ ނިއްމުމާވެސް ހިލާފަށް، އަދި މި މައްސަލަވާނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށްވެސް ހުށައަޅާފައި'' ފިރާގް ވިދާޅުވެފަވެއެވެ.

މި މައްސަލާއި ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ކައުންސިލުން ހުށަހެޅި މައްސަލަ ބެލުމުން އެނގިފައިވަނީ މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

''އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދު ދީފައެވެ.'' ފުލުހުން ބުނެފަވެއެވެ.

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެޗްޑީސީއާއެވެ. އެޗްޑީސީ އާއި މި މަސައްކަތް ހަވާލުކުރީ 24 އޯގަސްޓް 2025ގައެވެ.

ރައީސް އޮފީހުގައި މާރިޗް 4 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޢަބުދުﷲ މުއްތަލިބާ ވަނީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ހަނިމާދޫ ކައުންސިލުން ބިން ހަމަޖައްސައިދީފައި ނުވާކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެކަންކުރީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރު އެ ދުވަހު ވިދާޅުވެފައެވެ.

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި

މައުލޫމާތު ލިބިފައިވާގޮތުގައި ހަނިމާދޫ ކައުންސިލުން ދަނީ މި މައްސަލަ ކޯޓަށް ވައްދަން ވެސް މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ހަނިމާދޫގައި މިދިޔަ ހަފުތާގައި ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ.