ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެ ތާރީޚުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ.
އޭޖީ ބަޔާނުގައި ވަނީ ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ މި އިޞްލާޙުގެ މައިގަނޑު އެއް މަޤްޞަދަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް މަގުފަހިކުރުންކަން ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން މަޖިލީހުގެ ދައުރު 1 ޑިސެންބަރުގައި ފެށޭގޮތަށް ބަދަލުކޮށް، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 5 އަހަރަށްވުރެ ކުރުކުރުމަކީވެސް މި އިޞްލާޙުގެ މަޤްޞަދުކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
އޭޖީ އޮފީހުން ބުނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، ވަކި ކަންތައްތަކަކަށް އިޞްލާޙު ގެނެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. މިގޮތުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެންނަ އިޞްލާޙަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަންޖެހޭ ކަމެކެވެ.
އޭޖީ އޮފީހުން ބުނެފައިވާގޮތުގައި މި ވޯޓަކީ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ ވޯޓެކެވެ. ވޯޓުގައި ރައްޔިތުންނަށް ހުށަހެޅޭ ސުވާލަކީ މަޖިލީހުން ފާސްކޮށްފައިވާ 8 ވަނަ އިޞްލާޙުގެ ބިލު ތަސްދީޤުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ 16 ފެބުރުވަރީ 2026 ގައި ރަސްމީ ޤަރާރެއް ނެރުއްވާފައެވެ.
މި ވޯޓު ނެގުމުގެ މަރުޙަލާތަކާއި ސުވާލު އެކުލަވާލާފައިވަނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ސަރުކާރުގެ ހުރިހާ ޢަމަލުތަކެއްވެސް ހުރީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!