މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ބަނދަރުގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސަށް ވަނީ ހިއްސާކޮށްފައެވެ.

Ad
rt

ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަކުރެއްވުން

ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި މުދާ އުފުލާ ގަޑިތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ވަސީލަތްތައް އިތުރުކުރުމާއި، އިދާރީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ރައީސަށް ހުށަހެޅުއްވިއެވެ.

ލޮރީ ޑްރައިވަރުނާއެކު ބޭއްވެވި ބައްދަލުކުރެއްވުން

ލޮރީ ޑްރައިވަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، މަސައްކަތުގައި ކުރިމަތިވާ ގިނަ މައްސަލަތަކެއް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ބަނދަރާ ކައިރި ސަރަހައްދަކުން ޕާކިންގ ހަމަޖެއްސުމާއި، ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ހުރި ދަތިތަކާއި، ސްޕެއަރ ޕާޓްސް ބޮންޑުކުރުމުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިމެނެއެވެ. މީގެ އިތުރުން، ލޮރީ ކިއުގައި ހުރި މައްސަލަތަކާއި، މުދާ ކްލިއަރ ކުރުމަށް ތައްޔާރުކުރާ އެޕްލިކޭޝަންގެ މަސައްކަތް އަވަސްކުރުމަށްވެސް ޑްރައިވަރުން އެދިފައިވެއެވެ.

ޑްރައިވަރުން ވަނީ ބާ އުޅަނދުތައް ނައްތާލައި، އައު އުޅަނދު ރަޖިސްޓްރީކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށާއި، ޑްރައިވަރުންގެ މަސައްކަތަކީ ސަރުކާރުން ބަލައިގަންނަ، ރަސްމީ ލިޔެކިޔުންތަކެއް އޮންނަ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައެވެ.

މި ބައްދަލުވުމުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުންތައް ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުށަހެޅުނު ހުރިހާ ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ.