މާލެއިން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި، އެމްބޫދޫ ފަރަށް އަރައިފި އެވެ.
މެރެއިން ޕޮލިސް އިން މަޢުލޫމާތުދެއްވި ގޮތުގައި، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 72 މީހުން ތިބި ކަމަށްވެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 11:24 ހާއިރު ހިނގި މި ހާދިސާގައި، ފެރީގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފަކަމަށެވެ. އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން 2 ބިދޭސީ ފަޅުވެރިންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އުޅަނދުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަރަށް އެރި އުޅަނދު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ އުޅަނދުގެ ވެރިފަރާތުންނެވެ. އިންޖީނު ހުއްޓި ފަރަށް އަރަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!